އެމެރިކާ ސިފައިން ސައްދާމު ހުސައިން ހައްޔަރުކުރީ، މަސްތުކޮށްލާފަދަ މާއްދާއެއް ހިމެނޭ ގޭހެއް ދޫކޮށްކަމަށް އެމެރިކާ ސިފައިންގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރި އިރާގު މީހަކު ކިޔައި ދީފިއެވެ. ބޮޑެތި ގެއްލުންދެނިވި ހަތިޔާރު އިރާގްގައި ހުރިކަމުގެ ދޮގު ވާހަކަ އެމެރިކާގެ ރައީސް ޑަބްޔާ ބުޝް ފެތުރުމަށްފަހު އެމެރިކާ ސިފައިން އިރާގަށް އެރިތާ ހަ މަސްފަހުން ސައްދާމް ޙުސައިން ހައްޔަރު ކުރިއެވެ.

ތަރުޖަމާނު ކިޔައިދިން ގޮތުގައި އެމެރިކާ ސިފައިން ސައްދާމާ ބެހޭ މައުލޫމާތު ދޭ ފަރާތަކަށް އެތައް މިލިއަން ޑޮލަރުގެ އިނާމު ދިނުމަށް ހުށަހަޅާފައި އޮތެވެ. ސައްދާމު ދިރިއުޅުއްވާ ތަނަކާ ބެހޭ މައުލޫމާތު އެމެރިކާ ސިފައިންނަށް ލިބުމާ ގުޅިގެން އެމީހުންގެ ފާރަ ލުމުގެ ތެރޭން އެނގުނީ އާދައިގެ ރައްޔިތަކު އޭނާގެ ދިރިއުޅުމުގެ ފެންވަރާ ނުބައްދަލު އަދަދަކަށް އަގު ބޮޑު ސާމާނު ގަންނަމުން ދިޔަ ކަމެވެ. އަދި މިމީހާއަށް ފާރަލައިގެން އޭނާ އެތަކެތި ގެންދާ ތަން ބަލައި އެތަނަށް ސިފައިން ހަމަލަ ދިނީ ކަމަށެވެ.

ތަރުޖަމާން ބުނިގޮތުގައި ސައްދާމު ހުންނެވި ބިންގަރާހަށް އެމެރިކާ ސިފައިން ވަނީ މަސްތު ކޮށްލާ ޒާތުގެ ގޭހެއް ސްޕްރޭ ކުރުމަށްފަހުއެވެ. އޭނާގެ އަތުގައި ގޭސް މާސްކެއް ނެތުމުން އޭނާ ހުރީ ދުރުގައެވެ. ނަމަވެސް ފަހުން މާސްކެއް ލިބިގެން އޭނާ ބިންގަރާހަށް ފޭބި އިރު އެއީ 15 ފޫޓް 12 ފޫޓުގެ ކޮޓަރިއެކެވެ. އެތާގައި ދެ އެނދު ހުއްޓެވެ. އަދި އަގު ބޮޑު ހެދުމާއި ބޫޓާއި ސެންޓުވެސް ހުއްޓެވެ. ސައްދާމު ގެންގުޅުއްވި އަގު ބޮޑު އަތުކުރީ ގަޑިއެއްވެސް އޮތެވެ.

އޭނާ ބުނިގޮތުގައި މި ހަމަލައަށްފަހު މިތާގައި ހުރި ސާމާނުތައް އެމީހުން ވަގަށް ގެންދިޔައީއެވެ. އަދި މި ބިންގަރާސް ހަދާފައި ހުރި ބަގީޗާ ދަނޑުގައި ގިނަ އަދަދަކަށް ޖަނަވާރުތައްވެސް އުޅުނެވެ. ނަމަވެސް ޒާތެއްގެ ހުދު ޕައުޑަރު ބޭހެއް ބޭނުން ކޮށްގެން އެހުރިހައި ދިރޭއެއްޗެއް އެމެރިކާ ސިފައިން ނައްތާލީ ކަމަށް އޭނާ ކިޔައި ދިނެވެ.

އެމެރިކާ ސިފައިން ސައްދާމު ޙުސައިން ދަންޖައްސާފައި ވަނީ ޑިސެންބަރު 30 ގެ ފަހިތުގައެވެ.

ސައްދާމް އަހަވާރަކޮށްލި މުނާސަބާއާ ގުޅިގެން މީޑިއާ އިން އިއްޔެ ރިޕޯޓް ކުރި ބައެއް ޚަބަރުތަކުގައި ބުނެފައި ވަނީ ސައްދާމުގެ ދިފާއީ ޓީމުގެ ޚަރަދަށް ލީބިއާގެ ޒައީމް ޤައްޒާފީއާއި ޔަމަންގެ ރައީސް އަލީ އަބްދުﷲ ސޯލިހު ފައިސާގެ އެހީތައް ދެއްވި ކަމަށެވެ. ގައްޒާފީ ފައިސާ ދެއްވީ ދިފާއީ ޓީމުގައި ހިމެނިވަޑައިގަތް ސައްދާމުގެ ދަރިފުޅު ރަޣަދު ސައްދާމަށެވެ. މި ދިފާއީ ޓީމުގެ އޮފީސް ހަދާފައި ހުރީ އުރުދުންގެ ވެރިރަށް އައްމާން ގައެވެ.

މިސްރުގެ ކުރީގެ ޚާރިޖީ ވަޒިރު އަމްރޫ މޫސާ މި މުނާސަބާއާ ދިމާކޮށް ދެއްވި ބަޔާންގައި ވިދާޅުވީ ސައދާމު ހުންނެވީ ވެރިކަމުގެ ފަހުކޮޅުގައި ދުނިޔޭގެ ވާނުވާ ނޭނގިވަޑައި ގަތުމެއްގެ ތެރޭގައެވެ.