ދެކުނު ކޮރެއާގައި ޕާކުގެ ނަމުން ވެރިކަން ކުރެއްވި ދެ ރައީސުންގެ ތެރޭން އެކަކު އަވަހާރަކޮށް ލެވުނީއެވެ. އަނެއް ރައީސް މަގާމުގައި ހުންނަވަނިކޮށް، ކޮރަޕްޝަންގެ ތުހުމަތުގައި މަގާމުން ދުރުކޮށް 24 އަހަރުގެ ޖަލު ޙުކުމެއް އިއްވީއެވެ.
ދެކުނު ކޮރެއާގެ މިހާރުގެ ރައީސް މޫން ޖާއި އިން އަކީ ޑިކޮމްރެޓިކް ޕާޓީގެ ބޭފުޅެކެވެ. އޭނާގެ ޕާޓީއާ ވާދަ ކުރަނީ، ޕާކުގެ ޕީޕަލް ޕަވަރ ޕާޓީއެވެ.
ދެކުނު ކޮރެއާ ދަނީ އައު ރިއާސީ އިންތިޚާބަކަށް ތައްޔާރު ވަމުންނެވެ.
ގާނޫނުއަސާސީ ބުނާ ގޮތުން އެއްވެސް ރައީސަކަށް ދެވަނަ ދައުރެއް ނުލިބޭނެއެވެ.
ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޕާކު ގުން ހީ އަށް އިއްވާފައިވާ 24 އަހަރުގެ ޖަލު ހުކުމުން އޭނާ ތަންފީޒުކުރައްވާފައި ވަނީ ފަސް އަހަރެވެ.
ރައީސް ޕާކު ގުން ހީއަކީ ކުރީގެ ރައީސް ޕާކް ޗުން ހީގެ އަންހެން ދަރިފުޅެވެ. އަދި ދެކުނު ކޮރެއާގެ ފުރަތަމަ އަންހެން ރައީސެވެ.
ދެކުނު ކޮރެއާގެ ތަރައްގީގެ ބައްޕައަކީ ޕާކް ޗުން ހީއެވެ. އޭނާއަކީ އަސްކަރީ އިންގިލާބަކުން ވެރިކަމަށް ވަޑައިގަތް ޖެނެރަލެކެވެ. ޑިކްޓޭޓަރެއްގެ ގޮތުގައި ވެރިކަން ކުރެއްވި ޕާކް ވެރިކަމަށް ވަޑައިގަތް އިރު ދެކުނު ކޮރެއާއަކީ އަހަރަކު ބޮލަކަށް 75 ޑޮލަރު ޖެހޭ ފަގީރު ބިކަ ގައުމެކެވެ. އެއިރު އުތުރު ކޮރެއާއަކީ ދެކުނު ކޮރެއާއާ އަޅާ ބަލާއިރު މާބޮޑަށް ތަރައްގީވެފައިވާ މުއްސަނދި ސިނާއަތު ވަރުގަދަ ގައުމެކެވެ.
ޕާކް ޗުން ހީ ގެންނެވި ސިނާއީ އިންގިލާބުގައި ޚާއްސަ އިގްތިސާދީ ޒޯންތައް ހެއްދެވުމަށްފަހު، ތިޔާގި ވެގެން ދިޔަ ކުންފުނިތަކަކީ މިއަދު ދުނިޔޭގެ ބޮޑެތި ބްރޭންޑް ނަންތަކެވެ. ސެމްސުންގއާއި ހުންޑާއީއާއި ލަކީ ގޯސްލްޑްސްޓަރ (އެލްޖީ)އަކީ ދުނިޔޭގެ ފެންވަރުގެ ކުންފުނިތަކެވެ.
ޕާކް ޗުން ހީ ގެންނެވި ތަރައްގީގެ އިންގިލާބަކީ މަދު ފޮޅުވަތްތަކެއްގައި ޚުލާސާ ކޮށްލެވޭ ވަރަށްވެސް މާ ބޮޑެތި ދިގު ދެމިގެންވާ އަސަރުތަކެއް ދެކުނު ކޮރެއާއަށް ކުރި އިންގިލާބެކެވެ.
ރާއްޖޭގެ ރަށްތަކުގެ ކައުންސިލްތަކުން ރަށްތައް ތަރައްގީ ކުރުމަށް މޮޑެލްއެއް ދިރާސާ ކުރަން ބޭނުންނަމަ، ދިރާސާ ކުރަންވީ ޕާކްގެ ރަށްފުށުގެ ތަރައްގީގެ ހަރަކާތުގެ ނަމުން މަޝްހުރުވެފައިވާ މިހާރުވެސް ދުނިޔެއިން ދިރާސާކުރަމުން ދާ "ސާއެމޮލް އުންޑޮންގ" ހަރަކާތެވެ. މިއީ ދެކުނު ކޮރެއާގެ އަވަށްތަށް ބަދަލުކޮށްލި ހަރަކާތެކެވެ.
ޕާކްގެ ދަރިފުޅު ރައީސް ޕާކް ގުން ހީ ޖަލުން މިނިވަން ކުރެއްވުމުން އަންނަ ރިއާސީ އިންތިޚާބުގައި އޭނާ މުހިންމު ދައުރެއް ކުޅުއްވާނެ ކަމަށް ބެލެވެއެވެ. އޭނާ ވަނީ ބަލި ހާލުގައި ހަސްފަތާލުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރައްވާފައެވެ. އޭނާގެ ސަޕޯޓަރުން ވަނީ އޭނާ ދޫކޮށްލުމުން އެކަމާ އުފާ ފާޅުކޮށްފައެވެ.