ސައޫދީ އަރަބިއްޔާއަށް ކްރިސްމަސް ޓްރީ އެތެރެ ކުރުން އޮތީ މަނާ ކޮށްފައެވެ. މިފަދަ ބާވަތެއް އެތެރެ ކުރާތޯ ބަލާ އިދާރާއަކީ ޒަކާތާއި ޓެކްސްއާއި ކަސްޓަމްސްއާ ބެހޭ އިދާރާއެވެ. އެހެންނަމަވެސް މިއަހަރު ސައޫދީގައި ކްރިސްމަސް ފާހަގަ ކޮށް ކްރިސްމަސް ޓްރީ ބެހެއްޓިކަމަށް މީހުން ވަނީ މީސްމީޑިއާގައި ފޮޓޯތައް ދައުރުކޮށްފައެވެ.
25 ޑިސެމްބަރުގައި މީހަކު ޓުއިޓާގައި ކުރި ސުއާލަކަށް ޖަވާބު ދެމުން ކަސްޓަމްސްއިން ބުނެފައި ވަނީ ކްރިސްމަސް ޓްރީ ސައޫދީ ކިންގްޑޮމަށް އެތެރެ ކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި މި ޓުއީޓްގައި އިތުރަށްވެސް ބުނެފައި ވަނީ އިސްލާމް ދީނާ ފުށުއަރާ އެހެން ދީންތަކުގެ ޝިއާރުތައް ސައޫދީއަށް އެތެރެކުރުމަކީވެސް މަނާ ކަމެއް ކަމަށެވެ.
ފަހުން މީސްމީޑިއާގައި ތުރުކީ ޝަހްލޫބު ކިޔާ މީހަކު ވަނީ ޓުއިޓާގައި ކްރިސްމަސް ސެލެބްރޭޓް ކުރާ މަންޒަރު ދައްކާފައި އެއީ ސައޫދީގެ ފޮޓޯއެއް ކަމަށް ބުނެފައެވެ. ދަންނަބޭކަލުން ކަމާ ދެކޮޅަށް ނިކުތުމަށްވެސް އޭނާ ގޮވާލިއެވެ.
ގާނޫނީ ދާއިރާގައި މަސައްކަތް ކުރާ ފަރާތަކުން ޓުއީޓްކޮށް ބުނެފައި ވަނީ ކްރިސްމަސްޓްރީ އަކީ ސައުދީއަށް އެތެރެކުރުން މަނާއެއްޗެއް ކަމަށާއި އެފަދަ އެއްޗެއް ފެނިއްޖެނަމަ، އެކަން އިދާރާތަކުގެ ސަމާލުކަމަށް ގެނައުމަށެވެ.
ވޯލްސްޓްރީޓް ޖާރނަލްއިންވެސް ބުނެފައި ވަނީ ސައޫދީގައި ކްރިސްމަސް މިއަހަރު ފާހަގަ ކޮށްފައިވާ ކަމަށެވެ.
ކްރިސްމަސް ފާހަގަ ކުރުމާ ދެކޮޅަށް ވާހަކަ ދެއްކި މީހަކު ބުނެފައި ވަނީ ކޮންމެ އަހަރަކުވެސް މި މުނާސަބާއާ ދިމާކޮށް ހަރުކަށި މީހުން މިތަންތަން ގަންދަހާރަށް ހަދަން އުޅެގަންނަ ކަމަށެވެ. މަސްއޫލުވެރިންގެ ފިނޑިކަމުން އެންމެފަހުން މިމީހުން ގަދަވެ އެވެ. އަދި ތާލިބާން ސްޓައިލަށް ބަދަލު ވެގެން ދެއެވެ.