އިހަށްރޭ ރާއްޖޭގެ ރަށަކުން މާލެ އައި ބަޔަކު ޓެކްސީއެއް ހޯދުމަށްޓަކައި އެތައް އިރެއް ވަންދެން ބަނދަރުމަތީ ތިބެން ޖެހުނެވެ. ކުޑަކުޑަ ކުދިން ތަކެއް ގޮވައިގެން އެމީހުން ގެނައި ފޮށިތަކާއި ދަބަސްތަކާއި ކޮތަޅުތައް ހިފައިގެން އެ ހިސާބުން ދަތުރުކުރާ ކޮންމެ ޓެކްސީއަކަށް އަތް ނެގިއެވެ. ޓެކްސީ ސެންޓަރުތަކަށް ގުޅިއެވެ. އެޕް ތައް މެދުވެރިކޮށް ޓެކްސީ ދަތުރު ލިބޭތޯ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ގަޑިއެއްގެ އިރުވީއިރުވެސް އެމީހުނަކަށް ޓެކްސީއެއް ނުލިބުނެވެ. ކުޑަކުދިންނާއި އަންހެނުންތައް ކޮޅަށް ތިބެ ތިބެ ވަރުބަލިވެގެން އެތާ ޕާކުކޮށްފާހުރި ސައިކަލުތަކުގައި ލެނގިގެން ތިއްބެވެ.
ހުސްކާރުތައް އެމީހުން ކުރިމަތިން ދަތުރުކުރެއެވެ. ފެހިކުލައިގައި ޓެކްސީ ބޯޑު ދިއްލައިގެން ދަތުރުކުރާ ކާރުވެސް މެއެވެ. މިބައިމީހުން މިހެންތިބޭތާ އެތައް އިރެއްވިއިރުވެސް ޓެކްސީ އެއް ނުލިބުނެވެ. އެހެންކަމުން ބައެއްމީހުން ޕިކަޕްތަކުގައި ދާންފެށިއެވެ. މިގޮތަށް މިހާ ގިނައިރު ތިބެން ޖެހުމުންނާއި ކުޑަ ދަރިފުޅަށް ރޮވެންފެށުމުން މިތަނުން ފިރިހެނަކު ޓެކްސީ އެއްގެ ކުރިމައްޗަށް އަރައި ހުއްޓުވިއެވެ. ފެހިކުލައިގައި ޓެކްސީ ބޯޑް ދިއްލާފައި ހުރުމުންނެވެ. މަގު މެދަށް އަރައި ޓެކްސީ ހުއްޓުވި މީހާ، އިޝާރާތުން ފެހިކުލައިން ބޯޑް ދިއްލައިގެން މީހުން ނާރުވަނީ ކީއްވެގެންތޯ ސުވާލުކުރިއެވެ. ޓްކްސީ ޑްރައިވަރު ދޮރުގެ ބިއްލޫރި ތިރިކުރުމަށްފަހު އަތުގެ އިޝާރާތުން އޭނާއަށް ގޮވިއެވެ. އެމީހާ ދިއުމުން ޑްރައިވަރު ބުންޏެވެ. މިއީ އަހަރެންގެ އަމިއްލަ ކާރެކެވެ. މިއަށް އަރުވާނީ އަހަރެން ބޭނުން ބައެކެވެ. ކުރާނީ ބޭނުން ދަތުރެކެވެ. ޓްކްސީ ބޭނުންވެގެން އުޅުނު ދަތުރުވެރިޔާ އޭނާއަށް ޖަވާބުދިނެވެ. "ކަލޭގެ ކާރެއް. ކަލޭ ބޭނުން ދަތުރެއް ކުރެވޭނެ. އެކަމަކު ތި ދިއްލައިގެންދާ ބޯޑުވެސް ތީ އަމިއްލަ އެއްޗެއްތަ؟ އަމިއްލަބޭނުމަށް ހަރުކޮށްފައިވާ ބޯޑެއްތަ؟"
މިއީ މާލެ ސަރަޙައްދުގައި މިހާރު ދަތުރުކުރަން އުޅެން ޖެހޭ ހާލެވެ. ސެންޓަރުތަކުންވެސް އެޕްތަކުންވެސް މާލެއިން އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަކީ ދަތި އުނދަގޫ ކަމެކެވެ. އަމުދުން މަގުމަތިން ޓެކްސީއެއް ނުލިބެއެވެ. މާބަނޑު އަންހެނުންނާއި ކުޑަކުދިން ބަލިމީހުން ގޮވައިގެން ރަށްރަށުން އަންނަ މީހުންނަށް މި ކަމުގެ ސަބަބުން ވަރަށް ގިނަ ތަކުލީފުތައް އުފުލަން ޖެހެއެވެ. އެއީ އެބައިމީހުންށް ޕިކަޕަށް އެރުވުމަކީ ދަތިކަމަކަށް ވާތީއެވެ.
ޓެކްސީ ޚިދުމަތަކީ އާންމު ރައްޔިތުންނަށް ފަސޭހައަށް ޓަކައި ދޭ ޚިދުމަތެއް ނޫންހެއްޔެވެ؟ ސަރުކާރު ތަކުން އޮފީސްތަކާއި މުއައްސަސާތައް ހަދައި މަސައްކަތް ކުރަމުންދަނީ ދިވެހި ރައްޔަތުންގެ ދިރިއުޅުމަށް ފަސޭހަކަން ގެނައުމަކަށް ނޫންހެއްޔެވެ؟ މި މުޖުތަމޢުގައި ދިރިއުޅޭ މީހުންގެ ލާބަޔާ ،މަންފާއަށް ޓަކައި ޚިދުމަތް ދިނުމަކީ ކޮންމެ ސަރުކާރަކުންވެސް އެންމެ އިސްކަމެއްދޭންޖެހޭ ކަމަކަށް ނުވޭހެއްޔެވެ؟
ދިވެހިރާއްޖޭގައި ދިރިއުޅޭ މީހުންގެތެރެއިން ގިނައީ މެދުފަންތީގެ އައިލާތަކެވެ. ބޮޑުތި ކާރުތައް ގަނެގެން އުޅެވޭފެންވަރުގެ މީހުން މި މާލޭގައިވެސް އަދި ރާއްޖޭގައިވެސް މަދެވެ. ވީމާ އާންމު ރައްޔިތުންނަށް ޚިދުމަތްދޭ ފަރާތްތައް މިގޮތަށް ކަންތައް ކުރުމުން ބަލަން ތިބެގެން ނުވާނެއެވެ. ޓެކްސީތަކުން މިގޮތަށް ކަންތަށްކުރަންފެށީ ހުޅުމާލެއާއި މާލެއާ ދެމެދު ކުރާ ދަތުރުތައް ގިނަވެ އެ ދަތުރުތަކުން ޓެކްސީތަކަށް ލިބޭ މަންފާ އިތުރުވުމުންނެވެ.
ނަމަވެސް މިގޮތަށް ކަންތައްވުމުން ރާއްޖޭގެ ތިންބައިކުޅަ އެއްބައިމީހުން ދިރި އުޅޭ މި މާލޭގައި މުހިންމު ދަތުރުތައް ކުރަންޖެހިފައިވާ މީހުނަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވެއެވެ. އެކަމުގެ ޝަކުވާތައް ކުރަމުން ގެންދެއެވެ. މީސްމީޑިއާގެ އެކި ފާރުތަކުގައެވެ. ނޫސްތަކުގައިވެސް މިވާހަކަތައް ލިޔަމުން ގެންދެއެވެ. އެހެންނަމަވެސް ކަމާބެހޭ ފަރާތްތަކަށް މި އަޑެއް ނީވެއެވެ. މި މަންޒަރެއް ނުފެނެއެވެ. އެމީހުނަށް މި ތަކުލީފު އުފުލަން ނުޖެހޭތީއެވެ. އަމިއްލަ ކާރުތަކުގައި ބޭނުން ވަގުތަކު ބޭނުންތާކަށް ދެވޭތީ ކަމަށްވެސް ވެދާނެއެވެ. އެހެންނަމަވެސް ޓެކްސީތައް ދުއްވާފަރާތްތަކުގެ ބެލެނިވެރި ފަރާތެއް ވެއެވެ. އެމީހުންގެ ކަންކަން ބަލާނެ މުއައްސަސާއެއްވެސް އެބަހުއްޓެވެ.
އެހެންކަމުން އާންމު ރައްޔިތުންނަށް ޚިދުމަތް ދިނުމަށް މި ދެވޭ ހުއްދައިގައި އުޅޭ މީހުންގެ ކަންތައް ބަލަން ޖެއެވެ. އެމީހުން ރައްޔިތުންނަށް މިދޭ ތަކުލީފުން ރައްޔިތުން ސަލާމަތް ކޮށްދޭން ޖެހެއެވެ. ޓެކްސީ ޑްރައިވަރުންގެ ޢަމަލުތައް ސީދާ ކުރަންޖެހެއެވެ. ރައްޔިތުންނަށް ލުއިފަސޭހަވާނޭގޮތަށް ކަންތައް ކުރުމަށް ހުރިހާ މުއައްސަސާއަކުންވެސް މަސައްކަތް ކުރަންޖެއެވެ. ރަތްޔިތުންނަށް ތަކުލީފުދޭ މީހުނާމެދު ފިޔަވަޅު އެޅެން ޖޭހޭނެއެވެ. އެމީހުންދޭ ޚިދުމަތް ރައްޔިތުންނަށް ފަސޭހަވާނޭހެން ހެދުމަކީ ކަމާބެހޭ ފަރާތްތަކުގެ ޒިންމާއެކެވެ.