ކައިރި ކައިރީގައި ގިނަ މެޗުތަކެއް ކުޅެން ޖެހި ވަރުބަލިކަން ވަރަށް ބޮޑަށް ކުޅުންތެރިން އިހްސާސް ކުރަންޖެހިފައި ވީނަމަވެސް އާސެނަލް ބަލިކުރަން ކުޅުންތެރިން ކުރި ބުރަ މަސައްކަތަށް އެޓީމުގެ ކޯޗް ޕެޕް ގާޑިއޯލާ ވަރަށް ބޮޑަށް ތައުރީފް ކޮށްފިއެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ މެންޗެސްޓަރ ސިޓީއިން އާސެނަލް ބަލިކުރީ ފަހަތުން އަރައި 2-1 އިންނެވެ. ސިޓީ މެޗުން މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބު ކޮށްދިނީ ސްޕެއިނުގެ މިޑްފީލްޑަރު ރޮޑްރީ ހެނާންޑޭޒްއެވެ.
"އާސެނަލް މެޗަށް އަހަރެމެން އައީ ނުވަ މެޗް ކައިރި ކައިރީގައި ކުޅުމަށްފަހު. ގިނަ މެޗުތަކެއް ކައިރި ކައިރީގައި ކުޅެން ޖެހުމުން އަހަރެމެން ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފައި. މެދު ތެރެއަށް އެއްކުޅުންތެރިޔަކު ގިނަ ކޮށްގެންވެސް ކުޅުނީ އޭގެ ސަބަބުން. މިދަނޑުގައި (އެމިރޭޓްސް ދަނޑުގައި) އާސެނަލްއިން ވަރުގަދަ ކުޅުމެއް ދައްކާނެކަން އަހެރެމެން ކުރިންވެސް އޮތީ ގަބޫލް ކޮށްގެން. މެޗުގެ ފުރަތަމަ ހާފުގައި އަހަރެމެންނަށްވުރެ ރަނގަޅަށް ކުޅުނީވެސް އާސެނަލްއިން. އެކަމަކު އެންމެފަހު ވަގުތާ ހަމައަށް ކުޅުންތެރިން މެޗުން މޮޅުވުމަށް ކުރި މަސައްކަތުގެ ނަތީޖާ ފެނިގެންދިޔައީ ފަހު ވަގުތު" ގާޑިއޯލާ ބުންޏެވެ.
އާސެނަލް އަތުން ލިބުނު މޮޅަކީ ޖެހިޖެހިގެން ސިޓީއިން ހޯދި 11 ވަނަ މޮޅެވެ. ގާޑިއޯލާ ބުނީ މިއީ އުނދަގޫ ހާލަތެއްގައި ކުޅުންތެރިން ހޯދި އާދަޔާ ހިލާފް ކާމިޔާބެއް ކަމަށެވެ. "ކޮވިޑާއި އަނިޔާގެ ސަބަބުން ފިލް (ފޯޑެން) އާއި ކައިލް (ކައިލް ވޯކާ) އާއި ޑިބްރޭނާފަދަ މުހިއްމު ކުޅުންތަކަތެއް ނުލައިވެސް ދުވަސްތަކެއް އަހަރެމެން ހޭދަ ކުރަން ޖެހުނު. ބެންޗުގައި މިއަދު (އާސެނަލް މެޗުގައި) ވެސް އެކަޑަމީގެ ހަތަރު ކުޅުންތެރިން އެބަތިބި" މެޗުތަކުގައި ތަފާތު ކުޅުންތެރިންނަށް ފުރުސަތު ދޭކަން ހާމަ ކުރުމަށް ގާޑިއޯލާ ބުންޏެވެ.
އާސެނަލް އަތުން ލިބުނު މޮޅާއެކު ތާވަލުގެ ކުރީގައި ސިޓީ އޮތީ 53 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޗެލްސީއަށް 42 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި ލިވަޕޫލް އޮތީ 41 ޕޮއިންޓާއެކުއެވެ. ލީގުގައި މިރޭ ޗެލްސީ އާއި ލިވަޕޫލް ވާދަކުރާނެއެވެ. މިމެޗް ވެގެން ދާނީ، ލީގް ކާމިޔާބު ކުރުމުގެ ރޭހުގައި ދެމި އޮތުމަށް ދެޓީމަށްވެސް ކާމިޔާބު ކުރުން މުހިއްމު މެޗަކަށެވެ. މިމެޗް ފަށާނީ ރާއްޖޭ ގަޑިން މިރޭ 21:30 ގައެވެ.