ކޮވިޑް-19 ބަލިމަޑު ހާލަތު އައިފަހުން އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ ފުރަތަމަ ފަހަރަށް މާސްކް އަޅުއްވައިގެން އާންމުންގެ ތެރެއަށް ނުކުމެވަޑައި ގެންފިއެވެ.

އުމުރުފުޅުން 94 އަހަރުގެ ރާނީ އެލިޒަބަތު އާންމުންގެ ތެރެއަށް ނުކުމެވަޑައިގެންނެވީ، ލަންޑަންގައި ބޭއްވި ޒިކުރާ އައުމުގެ ހަފްލާއެއްގައި ބައިވެރިވެވަޑައި ގަތުމަށެވެ.

ނޮވެމްބަރު 11 އަކީ އިނގިރޭސިވިލާތުގައި، ހަނގުރާމައިގައި މަރުވެގޮސްފައިވާ މީހުންގެ ހަނދާންތައް އައުކުރާ ދުވަހެވެ.

އެހެންނަމަވެސް، މިހަފްތާގެ ކުރީކޮޅު ވެސްޓްމިންސްޓަރ އަބޭގައި ބޭއްވި ހަފްލާއެއް ރާނީ އެލިޒަބަތުވަނީ ބައިވެރިވެވަޑައި ގެންފައެވެ. އަދި އެތާނގައި ހަދާފައިވާ ކާކުކަން ނޭނގޭ އިނގިރޭސި ސިފައިންގެ މީހެއްގެ މަގްބަރާގައި ރާނީ މާބޮނޑިއެއް ބޭއްވިއެވެ.

ރަސްމިއްޔާތަށް ވަޑައިގެންނެވިއިރު ރާނީ ހުންނެވީ ކަޅުކުލައިގެ މާސްކެއް އަޅުއްވައިގެންނެވެ.

މި މާސްކަކީ، ރާނީގެ ހެދުންކޮޅުތަކާއި، ތޮފިތަކާއި، ރާނީ ތުރުކުރައްވާ އެނޫންވެސް ތަކެތި ފަރުވާކުރައްވާ ރާނީގެ އަރިސް މުޝީރު އެންޖެލާ ކެލީ ފަރުވާ ކުރެއްވި މާސްކެއް ކަމަށް ލަފާކުރެވޭ ކަމަށް މީޑިއާއިން ބުނެފައި ވެއެވެ.

ކޮވިޑްބަލި އިނގިރޭސިވިލާތުގައި ފެތުރޭން ފެށިފަހުން ރާނީ އެލިޒަބަތު އެންމެ ފުރަތަމަ އާންމުންގެ ތެރެއަށް ނުކުމެވަޑައި ގެންފައިވަނީ މިދިޔަ އޮކްޓޫބަރުމަހުގެ ތެރޭގައެވެ.

ނަމަވެސް، ރާނީ އެފަހަރު ހުންނެވީ މާސްކް އަޅުއްވައިގެނެއްނޫނެވެ.

އިނގިރޭސިވިލާތުގައި، ޚާއްސަކޮށް އިންޑޯ ބައްދަލުވުންތައް ބާއްވާއިރު މާސްކް އެޅުން މަޖުބޫރެވެ.

އިނގިރޭސި ޝާހީ އާއިލާގެ ބައެއް ބޭފުޅުންވެސް ކުރިން ކޮވިޑަށް ޕޮޒިޓިވްވިއެވެ.

އެގޮތުން، ރާނީ އެލިޒަބަތަށްފަހު ރަސްކަމާ ހަވާލުވެވަޑައިގަންނަވާ، ރާނީގެ ދޮށީ ދަރިކަލުން ވަލީއަހުދު އަމީރު ޗާރލްސް މާޗްމަހުގެ ތެރޭގައި ޕޮޒިޓިވްވެފައި ވެއެވެ. އަދި އަމީރު ވިލިއަމްވެސް މިއަހަރުގެ ކުރީކޮޅު ޕޮޒިޓިވްވެފައިވާކަން ހާމަވެފައި ވެއެވެ.