އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ލިވަޕޫލްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެ 2-2 އިން އެއްވަރުވި މެޗުގައި އެޓީމުގެ ފޯވާޑް ސާޑިއޯ މާނޭއަށް ރަތްކާޑް ދައްކަން ޖެހޭކަމަށް ޗެލްސީގެ ކޯޗް ތޯމަސް ޓުޗެލް ބުނެފިއެވެ.

މާނޭއަށް ރަތްކާޑް ދައްކަން ޖެހޭ ކަމަށް ޓުޗެލް އިޝާރާތް ކުރީ މެޗް ފަށައިގެން ފަނަރަވަނަ ސިކުންތުގައި ޗެލްސީގެ ކެޕްޓަން ސެޒާ އަޒްބިކިއުލިޓާއަށް މާނޭ އުޅަބޮށިން ދިން ހަމަލާއަށެވެ.

"އަހަންނަކީ މެޗުގެ ކުރީކޮޅު ރަތްކާޑް ދައްކަން ގަޔާވާ މީހެއް ނޫން. އަހަރެން މިހެން ބުނަން ހަގީގަތުގައި ބޭނުމެއްވެސް ނޫން. މާނޭއަކީ އަހަރެން އިހްތިރާމް ކުރާ އަދި ގަވާޔާ ކުޅުންތެރިއެއް. އޭނާއަކީ ހިތްހެޔޮ، ޓޮޕް ލެވެލްގެ ކުޅުންތެރިއެއް. އެކަމަކު އޭނާކުރީ ވަގުތުން ރަތްކާޑް ދައްކަންޖެހޭ ވަރުގެ ފައުލެއް. މާނޭގެ އުޅަބޮށި އަމާޒުވީ އަޒްބިލިކުއެޓާގެ މޫނަށް. މިވަރުގެ ފައުލަކަށް ރަތްކާޑް ދައްކާއިރު މެޗް ފަށައިގެންވީ ވިހި ސިކުންތު ތޯ ނުވަތަ ވިހި މިނެޓްތޯ ބަލާކަށް ނުޖެހޭ" ހިތްހަމަ ނުޖެހިފައި ހުރެ ޓުޗެލް ބުންޏެވެ.

މިފައުލަށް ރެފްރީ ދެއްކީ ރީނދޫ ކާޑެކެވެ. މިއީ ޕްރިމިއަރ ލީގުގެ ތާރިހުގައި އެންމެ އަވަހަށް ދެއްކި ކާޑެވެ. މެޗަށްފަހު އަޒްބިކްއިލިޓާވެސް ވަނީ މިފައުލަށް މާނޭއަށް ރަތްކާޑް ނުދެއްކުމުން ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

މިމެޗުގައި ފުރަތަމަ ދެލަނޑު ޖަހައި ލީޑް ނެގީ ލިވަޕޫލުންނެވެ. ފުރަތަމަ ލަނޑު، 9 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މާނޭއެވެ. ދެވަނަ ލަނޑު، 26 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މުހައްމަދު ސަލާހެވެ. މެޗުގެ ފޯރިގަދަ ވެގެންދިޔައީ ފުރަތަމަ ހާފް ނިމެން 5 މިނެޓަށްވެފައި ވަނިކޮށް ޗެލްސީން ދެލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރުމުންނެވެ. ޗެލްސީގެ ފުރަތަމަ ލަނޑު މެޓިއޯ ކޮވަސިކް ލިވަޕޫލްގެ އޭރިޔާގެ ބޭރުން ކާމިޔާބު ކުރިއިރު ދެވަނަ ލަނޑު ޖެހީ ކްރިސްޓިއަން ޕުލިސިކެވެ.

މިމެޗް އެއްވަރު ވުމުން އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބުނީ ތާވަލުގެ ކުރީގައި އޮތް މެންޗެސްޓަރ ސިޓީއަށެވެ. ތާވަލުގެ ކުރީގައި ސިޓީ އޮތީ 53 ޕޮއިންޓާއެކުއެވެ. ލިވަޕޫލަށްވުރެ އިތުރަށް އެއްމެޗް ކުޅެ 43 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ޗެލްސީއެވެ. ތިންވަނައިގައި 42 ޕޮއިންޓާއެކު އޮތީ ލިވަޕޫލްއެވެ. ހަތަރުވަނައިގައި 35 ޕޮއިންޓާއެކު އާސެނަލް އޮތްއިރު ފަސްވަނައިގައި 34 ޕޮއިންޓާއެކު އޮތީ ވެސްޓްހޭމްއެވެ. މަޝްހޫރު މެންޗެސްޓަރ ޔުނައިޓެޑް އޮތީ 31 ޕޮއިންޓާއެކު 7 ވަނައިގައެވެ. ލީގުގައި މިރޭ ރާއްޖޭ ގަޑިން 22:30 ގައި މެން.ޔުނައިޓެޑް ނިކުންނާނީ ވުލްވޮސްއާ ދެކޮޅަށެވެ.