ސޯމާލިޔާގެ މުސްލިމް މޮޑެލްއެއްކަމަށްވާ ހަލީމާ އޭޑެން 2021ގެ ދުނިޔޭގެ އެންމެ ރީތި މޫނުތަކުގެ ލިސްޓުގެ 3 ވަނައިގައި، ޓީސީ ކެނޑްލާ ހިމަނައިފިއެވެ. މިއީ އެފަރާތުން ނެރޭ 32 ވަނަ އަހަރީ ލިސްޓެވެ.

އޭޑެންއަކީ މި ލިސްޓުގައި ހިމެނުނު ބުރުގާއެޅާ ފުރަތަމަ މޮޑެލް އެވެ. މި ލިސްޓު އެކުލަވައިލަނީ ލިޔުންތެރިޔާ ތީސީ ކެނޑުލާ އަދި ދުނިޔޭގެ ކަންކޮޅުތަކުން ހޮވާލެވޭ އިތުރު ވިއްސަކަށް ފަނޑިޔާރުން ހިމެނޭގޮތަށް އެކުލަވާލެވިފައިވާ ކޮމެޓީއަކުންނެވެ. މިފަރާތްތަކުން ލިސްޓު އެކުލަވާލުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައްމިލިޔަން މީހުނެއްގެ ޚިޔާލާއި ފާޑުކިޔުމަށް ރިޔާޢަތް ކުރެއެވެ.

މިގޮތުން ގުދުރަތީ ސިފައަކީ އެންމެ ރީތި މޫނު ހޮވުމުގައިބަލާ އެއް މިންގަނޑެއްނޫނެވެ. މީގެ އިތުރަށް ޝަޚުސިއްޔަތުގައި ހިމެނޭ ވަރަށް ގިނަ ސިފަތަކަށް އިންސާފުކުރެއެވެ.

ނޮވެންބަރު 2020 ގައި އޭޑަން މޮޑެލްކުރުމުން ދުރުވިއެވެ. ސަބަބެއްކަމަށް އޭނާ ބުނަނީ އިސްލާމީ ވަހުދަތު ދޫކޮށްލުމަށް އިންޑަސްޓްރީގެ ފަރާތުން އޮތް ޕްރެސަރެވެ. ނަމަވެސް 2021ގެ ސެޕްޓެމްބަރުގައި އަނެއްކާވެސް އޭނާ މޮޑެލް އިންޑަސްޓްރީއާއި ގުޅުނެވެ. އަދި އޭނާއަށްވަނީ " ގްލޯބަލް އެންބެސެޑަރފޯ މޮޑަސްޓް ފެޝަން ބްރޭންޑް މޮޑަނިސާ " ގެ މަގާމުވެސް ލިބިފައެވެ. ގްޑްމޯނިން އެމެރިކާއަށް ދިން އިންޓަވިއުއެއްގައި އޭޑަން ބުނީ ފެޝަން އިންޑަސްޓްރީގައި އުޅޭއިރު އެއިންޑަސްޓްރީގެ ސަގާފަތްތަކަށް މުޅިން ބަދަލުނުވެ، މުސްލިމުން ތަމްސީލުކުރުމަކީ ވަރަށްވެސް ތަފާތު ކަމެކެވެ.

ޓީސީ ކެނޑުލާގެ ދުނިޔޭގެ އެންމެ ރީތި މޫނުތަކަށް ހޮވުނު މަޝްހޫރު ތަރިން ގެތެރޭގައި ނިކޯލް ކިޑްމަން – 2001 ، ލިންސޭ ލޯހަން – 2004 އަދި އެމާ ވަޓްސަން – 2011 ހިމެނެއެވެ.