މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވައްދައިފިއެވެ.

މާދަމާގެ މަޖިލިސް ޖަލްސާއަށް ހުށަހެޅުއްވުމަށް މަޖިލީހަށް ވައްދާފައިވާ މި މައްސަލައިގައި ޖާބިރު ވިދާޅުވެފައި ވަނީ، މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް، ކުރީ ސަރުކާރުގެ ފެށި ހިޔާ މަޝްރުއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމް ކުރާ 7000 ފުލެޓްގެ ތެރެއިން އެކަނިވެރި މައިންނާއި ބަފައިންގެ ކެޓަގަރީން ދޭން ނިންމާފައިވާ 500 ފުލެޓްގެ ތެރެއިން 77 ފުލެޓް އުނިކޮށް މި ސަރުކާރުން، މިމަހުގެ ހަތަރު ވަނަ ދުވަހު، ގެޒެޓްކުރި ލިސްޓާއި ގުޅިގެން އެތަކެއް ރައްޔިތުންގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

ބޯހިޔާވަހިކަމަކީ މާލޭގައި ދިރިއުޅެމުންދާ ހުރިހާ ރައްޔިތުންގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަށްވެފައި، މިސަރުކާރުން އެކަމަށް ހެޔޮ ބަދަލުތަކެއް ގެންނާނެ ކަމަށް ވައުދުވެ، މިފަދަ ދޯހަޅި ގޮތަކަށް ކަންކަން ވެގެންނިމުމަކީ ބަލައި ގަނެވޭނެ ކަމެއްނޫން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

"ހަމަ މިފަދައިން އެހެން ކެޓަގަރީތަކުގެ ކަންކަންވެސް ދިޔަކަމުގެ ޝަކުވާ ބޮޑުވެފައިވާ މިދަނޑިވަޅުގައި ބޯހިޔާވަހިކަމަށް އެދެވޭ ހައްލަކަށްވާނީ އެހެން ރަށްރަށުންވެސް ގޯތިދޭ އުސޫލުން މާލޭ ރައްތިތުންނަށްވެސް ހިލޭ ގޯތިލިބުން،" ޖާޞިރު ވިދާޅުވެފައިވެއެވެ.

އެހެން ކަމުން އިންސާފުވެރިކަމާއެކު އެ ހައްގު ހޯދައިދިނުމާއެކު، އެބައެއްގެ ހައްގު އެބައަކަށް ހޯދައި ދިނުމާއި، ބޯހިޔާވަހިކަމަށް އެދެވޭ ހައްލަކަށް ވާނީ އެހެން ރަށްރަށުންވެސް ގޯތިދޭ އުސޫލުން މާލޭ ރައްޔިތތުންނަށްވެސް ހިލޭ ގޯތިލިބުންކަމުން ވަގުތު ސަލާމަތް ކުރުމަށް ވަގުތުން ވަގުތަށް އެކަން ހަމަޖައްސައިދިނުމަށް ގޮވާލާ ކަމަށް ޖާބިރުގެ ކުއްލި މައްސަލައިގައި ވެއެވެ.