އިޒްރޭލާ ގުޅުން ގާއިމުކުރަން މަސައްކަތް ނުކުރާ ކަމަށް ދިވެހި ސަރުކާރުން ހާމަކޮށްފި އެވެ.

ސަރުކާރުން މިކަން ހާމަކޮށްފައިވަނީ ރާއްޖެ އާއި އިޒްރޭލްގެ ގުޅުން އިތުރަށް ބަދަހިކޮށް ގުޅުން ގާއިމުކުރުމުގެ މަޝްވަރާތަކެއް ހިނގަމުންދާ ކަމަށް އެ ގައުމުގެ "ޓައިމްސް އޮފް އިޒްރާއީލް" ގައި ބުނެފައިވަނިކޮށެވެ.

އެ ގައުމުގެ އެންމެ މަޝްހޫރު އެއް ނިއުސް އެޖެންސީ ކަމަށްވާ "ޓައިމްސް އޮފް އިޒްރާއީލް" ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރޭލުން ދެން އެންމެ އަވަހަށް ގުޅުން ގާއިމު ކުރާނީ ރާއްޖެ އާއެވެ.

މި ވާހަކަތަކާ ގުޅިގެން ފޮރިން މިނިސްޓްރީން ރޭ ވަނީ ރާއްޖެއާ އިޒްރޭލާ ގުޅުން ގާއިމްކުރުމުގެ މަސައްކަތެއް އަދި މަޝްވަރާއެއް ވެސް ސަރުކާރުން ނުކުރާ ކަމަށް ބުނެފަ އެވެ.

މީގެކުރިން ރާއްޖެއާ އިޒްރޭލާ ދެމެދު ވައިގެ ދަތުރުތައް ފަށަން އުޅޭ ކަމުގެ ވާހަކަތަކެއް ވެސް ފެތުރިފައިވެ އެވެ. ނަމަވެސް އެ ވާހަކަތައް ވެސް ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.

އިޒްރޭލާއި ރާއްޖެއާ ދެމެދު އޮތް ހުރިހާ ގުޅުމެއް ހުއްޓުމަކަށް ގެނެސްފައިވާއިރު އޭގެތެރޭގައި އެގައުމުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.