އެމެރިކާގައި އަހުލީ ހަނގުރާމައެއް ފެށިއްޖެކަމަށް ނުވަތަ ފެށިދާނެކަމުގެ އިންޒާރުތައް މިހާރު އާންމު ވެއްޖެއެވެ. އެމެރިކާގެ ޖާސޫސީ އިދާރާގެ ލަފައަކީވެސް އަހުލީ ހަނގުރާމައެއް އޮތީ ދުރެއްގައި ނޫން ކަމަށެވެ.

މިދިޔަ 24 ގަޑި އިރު ތެރޭގައި ޝާއިއުކޮށްފައިވާ އެމެރިކާއާ ގުޅުން ހުރި ސުރުޚީތަކަށް ބަލާލުމުންވެސް މިކަން ފާޅުކަން ބޮޑު ގޮތެއްގައި ހާމަ ވެގެން ދެއެވެ.

އިނގިރޭސި ގާޑިއަން ނޫހުގެ ސުރުޚީގައި ވަނީ "އެމެރިކާގައި އަނެއް އަހުލީ ހަނގުރާމައެއް މި އޮތީ ފެށިފައެވެ. އަހަރަމެން ގަބޫލުކުރަން ބޭނުން ނުވަނީ އެވެ."

ދަ ނިއުޔޯރކަރގެ ސުރުޚީގައި ލިޔެފައި ވަނީ "ކުރިމަތީގައި އޮތީ އަހުލީ ހަނގުރާމައެއްބާ؟"

ޓައިމް މަޖައްލާގެ ސުރުޚީގައި ވަނީ "އެމެރިކާގެ ދެބައިކުޅަ އެއްބައި މީހުން ގަބޫލުކުރާ ގޮތުގައި އަހުލީ ހަނގުރާމައެއް ފެށުން ގާތެވެ. އެކަމުން ރެކުމަށްޓަކައި ފަސް ކަމެއް ކުރަން ޖެހެއެވެ!"

ދަ ކްރަޝްގެ ބޭރުގަނޑުގެ ސުރުޚީއަކީ، "އެމެރިކާ އަހުލީ ހަނގުރާމައަކަށް މިސްރާބު ޖެހީ ހެއްޔެވެ؟ މިޒަމާނުގެ އަހުލީ ހަނގުރާމަ ފެށުމަށް މެދުވެރިވި ސަބަބުތަކާ ބެހޭ ކުރު ކޯހެއް" މިފަދައިންނެވެ.

ވޮޝިންޓަން ޕޯސްޓްގެ ސުރުޚީގައި ވަނީ އެމެރިކާގައި އަހުލީ ހަނގުރާމައެއް ފެށޭނެކަމަށް މީހުން ބުނާ ކަމަށެވެ.

ފޮރިން ޕޮލިސީގެ ސުރުޚީގައި ވަނީ "އެމެރިކާ ސިފައިން އަހުލީ ހަނގުރާމައަށް ތައްޔާރުވެ ނުވެ އޮތީ ކީއްވެ؟" މިފަދައިންނެވެ.

ވޮޝިންޓަން އިންފޯރމަރ ގެ ސުރުޚީގައި ވަނީ "އެމެރިކާގައި އަހުލީ ހަނގުރާމައެއް ނުފެށޭނެ ކަމަށް ނުބަލާތި" މިފަދައިންނެވެ.

މަރކެޓް ވޮޗްގެ "'ސުރުޚީގައި ވަނީ "އެމެރިކާގައި އަހުލީ ހަނގުރާމައެއް ފެށުމަކީ ހީކުރާ ވަރަށް ވުރެން ގާތް ކަމެއް. މިހާރުވެސް އަހުލީ ހަނގުރާމަ ވަނީ ފެށިފަ" މި ފަދައިންނެވެ.

މި ހުރިހައި ސުރުޚީތައް މިގޮތަށް ތިލަވެފައި މިވަނީ އެމެރިކާގައި ވެރިކަން ކުރި މޮޔައަކު މީހުން ގުނބޯލަ ހައްދައިގެން އިންތިޚާބު ގަޑުބަޑުވެފައިވާ ކަމަށް ދެއްކި މުނާސަބާއަށް އަހަރު ފުރުމާ ގުޅިގެންނެވެ. ޓްރަމްޕްގެ ސަޕޯޓަރުން ވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ވަދެ ހަމަނުޖެހުން އުފައްދައި އެތާގައި ރޯކޮށް ބޮން ގޮއްވަން އުޅެފައެވެ.

ދުނިޔޭގެ ގައުމުތަކުގައި ސިޔާސީ ހަމަނުޖެހުން ދިރާސާ ކޮށް މަޝްވަރާ ދިނުމަށް އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭއިން ޓާސްކްފޯހެއް އެކުލަވާފައި އޮވެއެވެ. މުޅި ދުނިޔެ ދިރާސާ ކުރާ މި ޓާސްކްފޯހަކީ، ޕޮލިޓިކަލް އިންސްޓެބިލިޓީ ޓާސްކްފޯސްއެވެ. މި ޓާސްކްފޯހުގައި އިންނަވާ ޔުނިވަރސިޓީ އޮފް ކެލިފޯރނިޔާގެ ޕްރޮފެސަރ ބާރބަރާ އެފް ވޯލްޓަޒްގެ ފޮތް "ހައު ސިވިލް ވަރ ސްޓާޓްޒް" މިމަހު ޝާއިއުކޮށްފިއެވެ.

އެނާ ވިދާޅުވާ ގޮތުގައި ސޫރިޔާއާއި އުތުރު އަޔަރލެންޑާއި ސްރީލަންކާއާއި ފިލިޕީންސްއާއި ރުވަންޑާއާއި ނިކަރާގުއާގައި އަހުލީ ހަނގުރާމަ ފެށުނުގޮތް އޭނާ ވަނީ ދިރާސާ ކުރައްވާފައެވެ.

އޭނާ ވިދާޅުވަނީ އެހެން ގައުމުތައް ދިރާސާ ކުރާ ގޮތަށް އެމެރިކާގެ ހަމަނުޖެހުން ދިރާސާ ކުރާއިރު ފެންނަނީ 200 އަހަރު ކުރިން އުފައްދާފައިވާ ޑިމޮކްރެސީ ނުރައްކާތެރި ފައްތަރަކަށް ވެއްޓިފައިވާ ތަނެވެ. އަހުލީ ހަނގުރާމައެއްގެ ތުންފަތް މަތީގައި އޮތް ތަނެވެ.

އެމެރިކާގެ ހާލަތު ދިރާސާ ކުރާ މީހުން ދެ ކަމެއް ފާހަގަ ކުރެއެވެ. ވާތުފިޔައިގެ މީހުން ދެކެ ގޮތުގައި އެމެރިކާ އަކީ ޑިމޮކްރެސީއެއް ނޫނެވެ. ކޮންމެ އަހަރަކުވެސް އެމރިކާއިން އެ ސިފަ ކެނޑެމުންދާ ކަމަށް އެމީހުން ދެކެއެވެ. ދެވަނަ ކަމަކީ އެމެރިކާގައި ކޮންމެ ކަމެއްވެސް ހައްލު ކުރަން މިހާރު ބޭނުން ކުރާ ވަސީލަތަކީ ބަޑިއެވެ. ސަރުކާރާއި ނިޒާމަށް ރައްޔިތުންގެ އިތުބާރެއް ނެތެވެ.

އެމެރިކާގައި އާންމު ރައްޔިތުންގެ އަތުގައި ޒާތްޒާތުގެ 400 މިލިއަން ބަޑި އޮތްކަމަށް ޓައިމް މަޖައްލާއިން ރިޕޯޓްކޮށްފައި ވެއެވެ.

ކޮންގްރެސްގެ އިތުބާރު ގެއްލިފައި ވުމާއެކު، އެމެރިކާގެ ކޮންގްރެސްގެ މެމްބަރުންނަށް ނުރައްކާ ކުރާ ނިސްބަތް ވަނީ 107 ޕަސެންޓަށް އިތުރު ވެފައި ކަމަށް ކޮންގްރެސްގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފުލުހުން ބުނެއެވެ. ގާޑިއަން ނޫހުން ބުނާ ގޮތުން ކޮންގްރެސް މެމްބަރުންނަށް މަރުގެ އިންޒާރު ލިބުމަކީ މިހާރު އާންމު ކަމެކެވެ.

އެމެރިކާގެ ނިޒާމު ކުނިވެ ފުޅައަޅަމުންދާ ކަން ސާބިތުކޮށް ދެނީ ޔުނިވަރސިޓީ އޮފް ވަރޖީނިއާއިން ތައްޔާރުކޮށްފައިވާ ދިރާސާއަކުންނެވެ. އެމެރިކާގެ އާބާދީއަށް ބަލައި ހަދާފައިވާ މި ދިރާސާގައި ބުނަނީ 2040ގައި އެމެރިކާގެ ސެނެޓްގެ 68 އިންސައްތަ ކޮންޓްރޯލް ކުރާނީ އާބާދީގެ 30 އިންސައްތައެވެ. މި މީހުންނަކީ ހަންގަނޑު ހުދު މީހުންނެވެ. އަދި މިއީ ކޮލެޖް ފެންވަރަށް ތައުލީމު ހާސިލުކޮށްފައި ތިބޭނެ ބައެއް ނޫނެވެ. އެމެރިކާގެ އާބާދީގެ ދެބައިކުޅަ އެއްބައި ތިބޭނީ އަށް ސްޓޭޓްގައެވެ. އެމެރިކާގައި ޑިމޮކްރެޓިކް ފިކުރުގެ މީހަކު ވޯޓުން ހޮވުނަސް އެމީހަކު ވެރިކަމަށް ނާދެވުމުގެ ފުރުސަތު ބޮޑެވެ. އެމެރިކާގެ އިއްތިހާދީ ނިޒާމަކީ މިހާރު އެމެރިކާ ރައްޔިތުން ތަމްސީލުކުރާ ނިޒާމެއް ނޫންކަމަށް މި ދިރާސާއިން ނިންމައެވެ.

މައިކަލް ޖަރމަން އަކީ 90ގެ އަހަރު ތަކުގައި ސިއްރިއްޔާތުގައި ދޮން ޓެރަރިސްޓުންނަށް ފާރަލީ ސީއައިއޭގެ އެޖެންޓެކެވެ. އޭނާގެ ޚިޔާލުގައި ދޮން މީހުންނަށް ހަމްދަރްދީވާ މީހުން ފުލުހުގައި ގިނަކަމުން ހުދު މީހުންގެ ޓެރަރިޒަމްގެ މައްސަލަތައް އެމެރިކާ ފުލުހުން ނުބަލައި ދޫކޮށްލައެވެ.