އިންޑިއާއާއި ޗައިނާގެ ބޯޑަރުގައި ހިނގަމުންދާ ހަމަނުޖެހުމަށް ފިނިކަމެއް ނެތެވެ. ޗައިނާއިން ޕްރޮޕެގެންޑާ ކުރަނީ ގެލްވާން ވާދީގައި ޗައިނާގެ ކޮމިއުނިސްޓް ދިދަ ވިހުރުވާލެވިއްޖެ ކަމަށެވެ. ނަމަވެސް އިންޑިއާއިން ވަނީ އިންޑިއާ ސިފައިން އިންޑިއާ ދިދަ ހިފައިގެން ތިބި މަންޒަރު ހާމަކޮށްފައެވެ.

ޗައިނާއިން ބުނަނީ ގެލްވާން ވާދީގެ ޕާންގސޯ ފެންގަނޑު ހުރަސްކޮށް ބްރިޖެއް އަޅަމުންދާ ކަމަށެވެ.

ނިއުދިއްލީގައި ޗައިނާ އެމްބަސީގައި ހުންނަ މެދު ފެންވަރުގެ ޑިޕްލޮމޭޓަކު ވަނީ އިންޑިއާގެ ޕާލަމެންޓްގެ މެމްބަރުން ޓިބެޓްގެ ސިޔާސީ ހިމާޔަތުގައި އޮންނަ ސަރުކާރުގެ ބައްދަލުވުމަކަށް ވަޑައިގަތުމުން އެކަން ނުކުރެއްވުމަށް އެދި ސިޓީއެއް ފޮނުވާފައެވެ.

އެކަމަކު މިއީ އިންޑިއާއާއި ޗައިނާގެ ދެމެދުގެ ގުޅުމުގެ ބޮޑު މަންޒަރެއް ނޫނެވެ.

އައު އަހަރުގެ މުނާސަބާގައި އިންޑިއާއާއި ޗައިނާ ސިފައިން ވަނީ ދެގައުމުން ކޮންޓްރޯލް ކުރާ ބޯޑަރުގެ 10 ތަނަކުން އެއް ބަޔަކަށް ފޮނިކާނާއާއި ހަދިޔާ ބަދަލުކޮށްފައެވެ.

އިންޑިއާއިން އިއުލާން ކޮށްފައި ވަނީ ބެއިޖިންގ ގައި އޮންނަ ފިނިމޫސުމްގެ އޮލިމްޕިކްސް އިންޑިއާއިން ބޯއިކޮޓް ނުކުރާނެ ކަމަށެވެ. އިންޑިއާއާއެކު ކުއޯޑުގައި ބައިވެރިވާ އަނެއް ތިން ގައުމުން ވަނީ އޮލިމްޕިކްސްގައި ބައިވެރި ނުވާނެ ކަމަށް އިއުލާން ކޮށްފައެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރު ސެރްޖީ ލާވްރޯވް ވިދާޅުވާ ގޮތުން ކައިރި މުސްތަގްބަލެއްގައި އިންޑިއާއާއި ރަޝިޔާއާއި ޗައިނާ ބައިވެރިވާ ސަމިޓެއް އިންތިޒާމު ކުރެވިގެންދާނެއެވެ.

އިންޑިއާއިން ވަނީ ޗައިނާގެ ކަންކަމުގެ ތަޖުރިބާކާރެއް ކަމަށްވާ ކުރީގެ ޗައިނާގައި ހުންނެވި އެމްބެސެޑަރު ވިކްރަމް މިސްރީ އިންޑިއާގެ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަކަށް އައްޔަން ކޮށްފައެވެ. މިސްރީއާއި ޗައިނާގެ ފޮރިން މިނިސްޓަރ ވާންގ ޔީގެ ދެމެދު ފޯނު މަޝްވަރާއެއް ދާދި އަވަހަށް އޮންނާނެ ކަމަށްވެސް ބެލެވެއެވެ. މިއީ ދެގައުމުގެ ސަރަހައްދާ ބެހޭ މަޝްވަރާތަކަށް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

ދުނިޔޭގައި ހޫނުވަމުންދާ ސިޔާސީ މަސްރަހު ފިނިކޮށްލުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައިވެސް މިމަސައްކަތް ހިމެނުގެންދާނެއެވެ.

އިންޑިއާއާއި ޗައިނާގެ ބޯޑަރުގެ މައްސަލާގެ އިތުރުން ހޫނުވަމުންދާ އަނެއް މަސްރަހަކީ ޔޫކްރޭންއާއި ރަޝިޔާގެ ބޯޑަރެވެ. އެމެރިކާއާއި ރަޝިޔާއިން މަސައްކަތް ކުރަމުން ދަނީ މި މައްސަލަ ފިނިކުރެވޭތޯއެވެ.

10 ޖެނުއަރީގައި އެމެރިކާއާއި ރަޝިޔާގެ މަޝްވަރާތައް ޖެނީވާގައި އޮންނާނެއެވެ. އަދި އޭގެ ދެ ދުވަސްފަހުން ރަޝިޔާއާއި ނޭޓޯގެ މަޝްވަރާތައް އޮންނާނެއެވެ.

އިސްވެ ދިޔަ ވާހަކަތަކަކީ މުގައްދިމާއެއް ކަމަށް ބަލައިފިނަމަ، އުފެދޭ ސުއާލަކީ އެމެރިކާއާއި ރަޝިޔާގެ ދެމެދުގެ ކޮޅުމުގައި އިންޑިއާއާއި ޗައިނާ އޮތީ ކޮން ހިސާބެއްގައި ހެއްޔެވެ؟

ޗައިނާ އޮތީ އެމެރިކާއާއި ރަޝިޔާގެ ދެމެދުގެ ޔޫކްރޭން/ނޭޓޯގެ ބަހުސް ނިމޭ ގޮތެއް ބަލާށެވެ. ދެން އޮތް ސުއާލަކީ އެމެރިކާއަށް އޮތް ބޮޑު ބިރަކީ ރަޝިޔާ ހެއްޔެވެ؟ ނުވަތަ ޗައިނާ ހެއްޔެވެ؟ ދެގައުމަކީ ވެސް އެމެރިކާއަށް އޮތް ބޮޑު ގިން ޖެހުމެކެވެ. ނަމަވެސް ހީނަރުވެފައިވާ ކުރީގެ ސުޕަރު ޕަވަރުގައި ދެ ގައުމާ އެއްފަހަރާ ކުރިމަތި ލުމުގެ ހަކަތައެއް ނެތެވެ. ނަމަވެސް އެކި ފަހަރު ފަހަރާ އެމެރިކާއިން މި ދެގައުމުން ކުރެ ކޮންމެ ގައުމަކާވެސް ނުސީދާ ގޮތަކަށް ތޮޅެކައި ބެހިލައި ހަދާނެކަން ކަށަވަރެވެ.

ކޮމިއުނިސްޓް ރޫސީވިލާތް އުވިގޮސް ޖުމްހޫރިއްޔާތަކެއް އުފެދުނުތާ މިހާރު 30 އަހަރުވީއެވެ. އަދި ޕޫޓިން މޮސްކޯގައި މަހާރާޖާއަކަށް ވެގެން ހުންނަވާތާވެސް 22 އަހަރުވީއެވެ. މި 22 އަހަރާއެކު ރަޝިޔާ ވަނީ އަނެއްކާވެސް އެމެރިކާއާ ކުރިމަތި ލެވޭ ވަރުގެ ބާރަކަށް ވެފައެވެ.

ޕޫޓިން ޙިކުމަތްތެރިއެވެ. ބާރުދައްކަވަންވެސް އަދި ސިޔާސަތު ހިންގަވަންވެސް އެނގިވަޑައި ގަންނަވައެވެ.

ޕޫޓިން މަސައްކަތް ކުރައްވަނީ އިންޑިއާއާއި ޗައިނާ ގާތް ކޮށް ގެންގުޅުއްވޭތޯއެވެ. ރަޝިޔާއާއި އިންޑިއާއާއި ޗައިނާގެ ސަމިޓް މުހިންމުވެފައި ރަޝިޔާއިން މިކަމަށް ފައްކާ ކުރަނީ މިސަބަބާ ލައިގެންނެވެ.

މި ސަމިޓަކީ އިންޑިއާގެ މަސްލަހަތަށްވެސް މުހިންމު ސަމިޓެކެވެ. އަދި ރަޝިޔާއަށް އެއަށް ވުރެން މުހިންމު ސަމިޓެކެވެ. ރަޝިޔާއިން ދުނިޔެއަށް ދައްކަން ބޭނުންވަނީ އަލަށް އަރަމުން އަންނަ ބާރުތައް ރަޝިޔާގެ އޯބިޓުގައި އޮތްކަން ހުޅަނގުގެ މީހުންނަށް ދެއްކުމަކީ ރަޝިޔާއަށް މުހިންމު ކަމެކެވެ. އެކަމަކު ޗައިނާއާއި އިންޑިއާ އެއް މޭޒެއްގެ ދޮށަށް ގެނައުމުގައި ރަޝިޔާ ކާމިޔާބު ވާނެ ހެއްޔެވެ؟

ނިއުދިއްލީން ލިބޭ ޚަބަރުތައް ބުނާ ގޮތުން އިންޑިއާގެ މޮދީ ޕޫޓިންއަށް ވިދާޅުވެފައި ވަނީ ޗައިނާއާއެކު އެއް މޭޒަކަށް އެރޭނީ ޗައިނާއިން ގެލްވާން ވާދީގައި ބައިތިއްބާފައި ތިބި ސިފައިން ފަހަތަށް ޖައްސައިގެން ކަމަށެވެ. ޗައިނާއިން ސިފައިން ގެލްވާންގައި ތިބުމުން އިންޑިއާގެ ލަދާކް ބޯޑަރު ހޫނުގެ އިންޑިއާގެ އަސްކަރީ ސަމާލުކަން ވަނީ ކަސިޔާރު ވެފައެވެ.

ސުއާލަކީ ޗައިނާއިން ލަދާކްގައި ބަފަރ ޒޯނަކަށް އެއްބަސްވެދާނެ ހެއްޔެވެ؟ މިއީ ވަރަށް ގާތް ކަމެކެވެ. ގެލްވާނުގެ އުސްފަރުބަދައިގެ ކުންނުތަކުން ޗައިނާ ސިފައިން ބޭފުމުން އެތަންތަން ވަނީ މިހާރު ބަފަރ ޒޯނަކަށް ވެފައެވެ.

އިންޑިއާއިން ބަފަރ ޒޯނެއް ބާއްވަން ބޭނުން ވެއެވެ. ވިކްރަމް މަސްރީއާއި ވަންގ ޔީގެ ބައްދަލުވުމުގެ މަގްސަދަކީވެސް މިއީއެވެ. މިކަމުގައި ރަޝިޔާ ކާމިޔާބު ވެއްޖެނަމަ، ރަޝިޔާ ފެނިގެންދާނީ އަރަމުން އަންނަ ބާރުތަކާއެކު ދުނިޔޭގެ ލީޑަރުގެ ގޮތުގައެވެ. އޮއްސެމުންދާ ސުޕަރު ޕަވަރު ހީނަރުވާއިރު ރަޝިޔާ ހޯދާ ބައިނަލްއަގްވާމީ ކާމިޔާބީއަށް ބަލަމާ ހެއްޔެވެ؟