އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހްމަދު އަކްރަމްގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަމުން އަންނަ ކަމަށް އެ ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ރޮޒައިނާ ވިދާޅުވީ އަކްރަމްގެ މައްސަލަ ބެލުމަށް ބާއްވާ ކޮމިޓީ ބައްދަލުވުންތައް ކުރިއަށްގެންދަނީ ސިއްރުކޮށްގެން ކަމަށެވެ. ސަބަބަކީ އެ މައްސަލަ ކޮމިޓީއަށް ހުށަހަޅާފައި ވަނީ ސިއްރު ސިޓީތަކަކުން ކަމުގައިވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިއްރުކޮށްގެން ބަލަމުންދާ މައްސަލައަކަށްވާތީ އެކަމުގެ ތަފްސީލެއް ރޮޒައިނާ ހާމައެއް ނުކުރެއެވެ.

އަކްރަމާ ގުޅޭގޮތުން ބަލަމުން އަންނަނީ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް އަކްރަމް އެކަން ދޮގުކުރައްވައެވެ.

އަކްރަމް ވިދާޅުވީ އެޒާތުގެ އެއްވެސް ކަމެއް މުވައްޒަފަކާ މެދު އޭނާ ކޮށްފައިނުވާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގެ ބައެއް މެމްބަރުންގެ މެދުގައި ވަނީ ދެބަސްވުން އުފެދިފައެވެ. އެގޮތުން އެ ކޮމިޝަނުގެ މެމްބަރު ފުއާދު ތައުފީގު ވަނީ އަކްރަމާ މެދު ހިތްހަމަނުޖެހުން ފާޅުރައްވާފައެވެ.

ފުއާދު އެފަދަ ހިތްހަމަނުޖެހުންތަކެއް ފާޅުކުރައްވަނީ އަކްރަމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ވެސް އެ ކޮމިޝަނުގެ މެމްބަރެއްގެ ގޮތުގައި އިންނެވި ބޭފުޅަކަށްވާތީއެވެ.