ބާސެލޯނާއިން ލޯނު އެއްބަސްވުމެއްގެ ދަށުން މިސީޒަނުގެ ނިޔަލަށް ބްރެޒިލްގެ ތަޖުރިބާކާރު މިޑްފީލްޑަރު ފިލިޕް ކުޓީނިއޯ އިނގިރޭސި ޕްރިމިއަރ ލީގުގެ އެސްޓަންވިލާއަށް ދޫކޮށްފިއެވެ.

މީގެ ތިން ސީޒަން ކުރިން ސަތޭކަ ސާޅިސް ފަސް މިލިޔަން ޑޮލަރުގެ ޓްރާންސްފާ ފީއެއްގައި ބާސެލޯނާއަށް ބަދަލުވި ކުޓީނިއޯ އެސްޓަންވިލާއަށް ގެންދިޔުމަށް އެންމެ ބޮޑަށް މަސައްކަތް ކުރީ، އޭނާއާއެކު ލިވަޕޫލްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރި އަދި މިހާރު އެސްޓަންވިލާގެ ކޯޗް ކަމުގައި ހުރި ސްޓީވެން ޖެރާޑެވެ.

ދުނިޔޭގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ، އިޓަލީގެ ފެބްރީޒިއޯ ރޮމާނޯ ހާމަކޮށްފައިވާ ގޮތުން ބާސެލޯނާއިން ކުޓީނިއޯ، އެސްޓަންވިލާއަށް ދޫކުރީ އޭނާއަށް ބާސެލޯނާއިން ދޭންޖެހޭ މުސާރައިގެ %65 އިންސައްތަ އެސްޓަންވިލާއިން ދޭން އެއްބަސްވުމުންނެވެ. ބާސެލޯނާއިން އަހަރަކު ކުޓީނިއޯއަށް މުސާރައިގެ ގޮތުގައި 30 މިލިޔަން ޑޮލަރު ދޭންޖެހެއެވެ. ބާސާއާއެކު ކުޓީނިއޯ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2023 ވަނަ އަހަރުގެ ޖޫންގައެވެ.

ކުޓީނިއޯ ދޫކޮށްލެވުމުން އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެންދާނީ ބާސާގެ ކޯޗް ޒަވީ ހެނާންޑޭޒްއަށެވެ. އެއީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި މެންޗެސްޓަރ ސިޓީއިން ގެނައި ފޯވާޑް ފެރަން ޓޮރޭސް ބާސާގެ ކުޅުންތެރިއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވެން އޮތީ ފައިނޭޝިއަލް ފެއާޕްލޭގެ ދަށުން ކުޅުންތެރިންގެ މުސާރައަށް ބާސާއިން ހޭދަކުރަމުން އަންނަ އަދަދު ކުޑަކޮށްގެން ކަމުގައި ވާތީއެވެ.

ބާސާއިން ދަނީ އެކްލަބުގެ އިތުރު ކުޅުންތެރިންތަކެއްވެސް މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ވިއްކާލުމަށް މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި އެމެރިކާގެ ޑިފެންޑަރު ސާޖީނޯ ޑެސްޓާއި ފްރާންސްގެ ޑިފެންޑަރު ސްމެއުލް އުމްޓިޓީ ހިމެނެއެވެ.