ބައިނަލްއަގުވާމީ މުޖުތަމައުން ރާއްޖެ ބިކަ ކުރުމަކީ އެމްޑީޕީގެ އަމާޒެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ) ގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ކޮމަންޑޫގައި ބޭއްވި ޖަލްސާއަށް ފޮނުއްވި އޯޑިއޯ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަކީ ބިކަ ތަނެއްގެ ގޮތުގައި ދުވަހަކު ވެސް އެމްޑީޕީން ސިފަ ނުކުރާ ކަމަށާއި އެމްޑީޕީގެ މަގުސަދަކީ ރައްޔިތުންނަށް ވިޔަފާރި ކުރެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.
މީގެ އިތުރުން އެމްޑީޕީއަކީ ޖަޒީރާ ދިިރިއުޅުމަކަށް ލޯބިކުރާ، ލާމަރުކަޒީ ސިޔާސަތު ގެންގުޅޭ ޕާޓީއެއް ކަމަށާއި ރާއްޖެ ތަރައްގީކުރުމަށް އެމްޑީޕީއަކީ މުހިންމު ވަސީލަތެއް ކަމަށެވެ. އަދި އެމްޑީޕީ ނޫނީ ވޯޓު ދިނުން އައުލާކަން ބޮޑު ޕާޓީއެއް އަދިވެސް ނެތް ކަމަށާއި އެކަން ކަށަވަރު ކޮށްދޭންވީ އަނެއްކާ ވެސް ކޮމަންޑޫ ދާއިރާގެ ރައްޔިތުން ކަމަށެވެ.
އެމްޑީޕީގެ ހުރިހާ ސިޔާސަތެއް ވެސް ހުންނާނީ ރައްޔިތުންނަށް މަންފާވާ ގޮތަށް ކަމަށާއި ރާއްޖޭގައި ގިނަ އަހަރުތަކަކު އެމްޑީޕީން ވެރިކަން ކުރަމުން ދިއުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ވާނެ ގޮތް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
" ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަކީ އެމްޑީޕީން ބޭނުންވެގެން ކުރިމަތިލާން ޖެހުނު އިންތިޚާއް ނޫން. މި އިންތިޚާބުގައި އެމްޑީޕީން ވާދަކުރަނީ، ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެން ހުސައިން ކުރެއްވި މަސައްކަތް ކުރެއްވުމަށް. އަދި އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުކުރުމަށް.” ރައީސް ނަޝީދު ވިދާޅުވިއެވެ.