އިޓަލީގެ ފިއޮރެންޓީނާއަށް ކުޅެމުން އަންނަ ސާބިއާގެ އުއްމީދީ ފޯވާޑް ޑޫސާން ލަހޮވިކް ގެނައުމަށް އާސެނަލްއިން މަސައްކަތް ކުރަމުންދާ ކަމަށް މާނަ ދޭހަވާ ފަދަ މޭރުމަކުން އެކްލަބުގެ ކޯޗް މައިކަލް އާޓެޓާ ވާހަކަ ދައްކައިފިއެވެ.

ފިއޮރެންޓީނާގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލަހޮވިކް،21، އަށް ޝައުގުވެރިވާކަން މިދިޔަ ސީޒަނުގައިވެސް އާޓެޓާ ހާމަކުރިއެވެ. އެކަމަކު ބަޖެޓް ނެތިގެން އެފަހަރު އޭނާ ގެނައުމުގެ މަސައްކަތް ހުއްޓާލަން ޖެހުނީއެވެ. މިހާރު ފެށިފައިވާ ޖެނުއަރީ މަހުގެ ފިނިމޫސުމުގެ ޓްރާންސްފާއާ ގުޅޭ ގޮތުން "ގޯލް.ކޮމް"އާ ވާހަކަ ދައްކަމުން އާޓެޓާ ބުނީ ކުޅުންތެރިން ގެނައުމަށް ބޮޑު ހޭދައެއް ކުރަން އާސެނަލް ތައްޔާރަށް އޮތް ކަމަށެވެ.

ލަހޮވިކް ވިއްކާލުމަށް ފިއޮރެންޓީނާއިން ބޭނުން ވަނީ 60 މިލިޔަން ޕައުންޑުގެ ފީއަކަށެވެ. ބެލެވޭ ގޮތުގައި މިޑީލްގެ ތެރޭގައި، މިހާރުވެސް އާސެނަލްއިން ލޯނުގެ ގޮތުގައި ފިއޮރެންޓީނާއަށް ދޫކޮށްފައިވާ މިޑްފީލްޑަރު ލޫކަސް ޓޮރެއިރާ ހިމަނާނެއެވެ.

އާސެނަލްއިން ލަހޮވިކަށް ފާރަލަމުން ދިޔަނަމަވެސް، ޖެނުއަރީ ޓްރާންސްފާގައި އޭނާ ކްލަބު ބަދަލު ކުރަން ބޭނުން ނުވާކަމަށާއި އޭގެ ބަދަލުގައި އޭނާ ކްލަބު ބަދަލު ކުރަން ބޭނުން ވަނީ ސީޒަން ނިމުމުންކަމަށް އިޓަލީގެ ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އާސެނަލްއިން ލަހޮވިކް ގެނައުމަށް މަސައްކަތް ފަށާފައިވާކަމަށް މީޑިޔާގައި އަޑުފެތުރިފައިވާއިރު އޭނާއަށް ޝައުގުވެރިވާކަން މަޝްހޫރު މެންޗެސްޓަރ ސިޓީ އާއި ޔުވެންޓަސްއިން ވަނީ ފާޅުކޮށްފައެވެ. އެކަމަކު މިދެކްލަބުންވެސް ބުނެފައި ވަނީ ޖެނުއަރީ ޓްރާންސްފާގައި ފޯވާޑެއް ގެނައުމުގެ ވިސްނުން ނެތް ކަމަށެވެ.

ލަހޮވިކް ވަނީ މިސީޒަނުގައި ފިއޮރެންޓީނާއަށް މިހާތަނަށް ކުޅެދިން 22 މެޗުގައި 18 ލަނޑު ކާމިޔާބު ކޮށްދީފައެވެ.