އޮސްޓްރިއާގެ މިސްކިތެއްގެ އިމާމަކު މިސްރުގެ ވެރިރަށް ޤާހިރާއަށް ވަންނަ ހިސާބުން ސަލާމަތީ ބާރުތަކުން އޭނާ ހައްޔަރު ކުރެއެވެ. ވާހަކަ ފެށެނީ މިހިސާބުންނެވެ.
މި އިމާމު މީހާ ހައްޔަރު ކުރުމަށްފަހު އޭނާއަކީ މިސްރުގައި ޓެރަރިސްޓް ޖަމާއަތެއްކަމަށް ރައީސް ސީސީގެ ސަރުކާރުން ކަނޑައަޅާފައިވާ އިސްލާމިކް ބްރަދަރ ހޫޑަށް ނިސްބަތްވާ މީހެއްކަމަށް ބުނެ، މިސްރުގެ އިންޓެލިޖެންސުން އެ މައުލޫމާތު އޮސްޓްރިއާގެ ޖާސޫސީ އިދާރާތަކަށް ފޯރު ވައި ދެއެވެ.
އޮސްޓްރިއާއިން އެގައުމުގައި އުޅޭ މުސްލިމުންގެ ތެރޭން އިސްކޮށް ހަރަކާތްތެރިވާ ދީނީ ޚިޔާލުގެ މީހުންނަށް ފާރަލާން ފަށައެވެ. މިއެންމެންގެ ފޭސްބުކް ޕޭޖްގައި އެންމެން ބޭނުން ކުރާ ޝިއާރެއް އޮވެއެވެ. އެއީ މިސްރުގެ ގާހިރާގެ ރާބިޢާ އަލްޢަދަވިއްޔާ މިސްކިތުގައި ސަރުކާރާ ދެކޮޅުވެރިން އެއްވެ އުޅުމުގެ ތެރޭގައި ސިފައިން މިސްކިތަށް ވަދެ ބަޑިހަޖައި އެތައް ބަޔަކު މަރާލިހާދިސާއާ ގުޅިގެން ގެންގުޅޭ ޝިއާރެވެ.
ހައްދުފަހަނައަޅާފައިވާ ކަނާތު ފިޔައިގެ މީހުންގެ ނުފޫޒު މަޑުމަޑުން އާލަވަމުންދާ އޮސްޓްރިއާގައި ފުލުހުން މުސްލިމުންނަށް ފާރަލައި މުސްލިމުންނާ ދެކޮޅަށް ޚާއްސަ އޮޕަރޭޝަނެއް ރޭވިއެވެ.
މިދިޔަ އަހަރިގެ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުގެ ރޭ އޮސްޓްރިއާ ގަޑިން ފަތިހު ފަހެއް ޖަހަން ފަސް މިނެޓަށް ވީއިރު ފެށި އޮޕަރޭޝަންގައި ވެރިރަށް ވިއެނާގައި އެންމެ ބޮޑަށް ހަރަކާތްތެރިވާ މުސްލިމު ލީޑަރުންގެ ތެރޭން 30 މީހުންގެ ގެއަށް ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާ ސިފައިންގެ ފައުޖަކުން ބަޑިއާއެކު ގަދަކަމުން ތަންތަން ހަލާކުކޮށް ވަދެ އޮޕަރޭޝަނެއް ފެށިއެވެ. މިއޮޕަރޭޝަންގައި އަނިޔާ ލިބުނު މީހުން ބުނާ ގޮތުން ސިފައިން ހަރަކާތްތެރިވީ ރަހުމު ކުޑަ ގޮތަކަށް، އަނިޔާވެރި ގޮތަކަށެވެ. ގޭގައި ތިބި އަންހެނުންނާއި ކުޑަ ކުދިންނަށްވެސް ބެލުމެއް ނެތިއެވެ.
މި އޮޕަރޭޝަންގައި 100 މުސްލިމުން ހައްޔަރު ކުރިއެވެ. އެތަނެއް މުސްލިމުންނެއް ޓެރަރިސްޓުންގެ ލިސްޓަށް އިތުރު ކުރިއެވެ.
މީގައި ހިލޭސާބަހަށް މަސައްކަތް ކުރާ މުސްލިމުންނާއި މިސްކިތު އިމާމުންނާއި ދީނުގެ ޚިދުމަތުގައި އުޅޭ މީހުން ހައްޔަރު ކުރިއެވެ.
ތަހުގީގުގައި 11 ގަޑިއިރު ވަންދެން މިމީހުންނާ ސުއާލުކޮށްފައި ވަނީ އުމުރުން އަށް އަހަރުގެ އަންހެން ކުދިން މީހުންނާ ދެވުމަކީ ކޮން ކަހަލަ ކަމެއް ހެއްޔެވެ؟ ނަމާދު ކުރުމާއި އިސްލާމީ ޚިލާފަތާއި އިސްލާމީ ސަރުކާރެއް ގާއިމް ކުރުމާ މެދު ދެކެނީ ކޮން ގޮތަކަށް ހެއްޔެވެ؟ އަންހެން ކުދިން ޚިތާނު ކުރުމާ މެދު ގެން ގުޅޭ ޚިޔާލަކީ ކޮބައި ހެއްޔެވެ؟
މިމީހުންގެ ވާކީލުން ބުނާ ގޮތުގައި އަދި ކުރިން ޖާސޫސީ އިދާރާގައި އުޅެފައިވާ މީހުން ބުނާ ގޮތުގައި މި ތަހުގީގާއި ހައްޔަރު ކުރުމުގައި އެއްވެސް ގާނޫނީ ސަބަބެއް ސަރުކާރަށް ދެއްކިފައެއް ނުވެއެވެ. މިމީހުން ވަނީ އެމީހުންގެ ހައްގަށް އަރައި ގެންފައިވާ ކަމަށް ބުނެ މައްސަލަ ކޯޓަށް ވައްދާފައެވެ.
އޮސްޓްރިއާގެ ޖާސޫސީ އިދާރާއިން މިމީހުންނާ ދެކޮޅަށް ގެންގުޅޭ ޑޮއިކުމެންޓްތައްވެސް މިމީހުންގެ ވަކީލުން ވަނީ ސިއްރިއްޔާތުގައި ހޯދައިގެންފައެވެ. މިއިން އެއްވެސް ޑޮކިއުމެންޓެއްގައި އެމީހުން ކުށްވެރިކޮށްލެވޭފަދަ ލިޔުމެއް ނުވަތަ ތަހުގީގަށް ބޭނުން ކުރެވޭފަދަ ހެއްކެއް ސަރުކާރުގެ އަތުގައި ނެތެވެ.
ހައްޔަރު ކުރި ބައެއް މުސްލިމުންނަކީ އެމީހުންގެ އުޅުން ރަނގަޅު ކަމުން އަދި ބައެއް މީހުން މުޖުތަމައަށް ޚިދުމަތް ކޮށްދީފައިވާތީ އޮސްޓްރިއާގެ ރައީސް އެމީހުންނަށް ރަނގަޅު ރައްޔިތެއްގެ އިނާމުވެސް ދެއްވާފައިވާ މީސްމީހުންނެވެ.
ދިފާއީ ވަކީލުން ބުނާ ގޮތުން މި މީހުންނާ ދެކޮޅަށް ނޭއްގާނީ އަމަލު ހިންގާފައި ވަނީ މުސްލިމު ގައުމެއްގެ ޖާސޫސީ އިދާރާއިން މިމީހުންނާ ދެކޮޅަށް ނޭދެވޭ ރިޕޯޓްތައް ކުރުމުންނެވެ.