ކ. ގާފަރުގައި ޤާއިމްކޮށްފައިވާ އައިސް ޕްލާންޓް ހިންގުން މިފްކޯ އާ ހަވާލުކޮށްފިއެވެ.

އެރަށުގައި ސަރުކާރުން ޤާއިމްކޮށްފައިވަނީ 25 ޓަނުގެ އައިސް ޕްލާންޓެކެވެ. މި އައިސް ޕްލާންޓު ހިންގަން މިފްކޯއާ ހަވާލު ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

މި އައިސް ޕްލާންޓުން މިހާރު ވެސް ޚިދުމަތް ދެމުން އަންނަ އިރު، މި އައިސް ޕްލާންޓު ހުޅުވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އެއީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް އެރަށުގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިންނެވެ. މި އައިސް ޕްލާންޓު ހުޅުވައިދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގައި ދުވާލަކަށް އުފެއްދެނީ 1،600 ޓަނުގެ އައިސްނަމަވެސް މި ސަރުކާރުން މިހާތަނަށް އިތުރު 225 ޓަނުގެ އައިސް އުފެއްދޭނެ އިންތިޒާމް ހަމަޖައްސާފައިވެއެވެ. މިގޮތުން މިއަހަރުގެ މަސްވެރިންގެ ދުވަހުގައި ވެސް ސަރުކާރުން ހަތަރު އައިސް ޕްލާންޓެއް ހުޅުވާފައި ވެއެވެ.