ޗައިނާއާއެކު ރާއްޖެއިން ފަސް އެއްބަސްވުމެއްގައި ސޮއިކޮށް ދެގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް އުފުލަާލައިފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި މިނިސްޓަރ އޮފް ފޮރިންގ އެފެއަރޒް ވާންގް ޔީ ރާއްޖެއަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މިއަދު ސޮއި ކުރެވުނު އެެއްބަސްވުންތަކުގެ ތެރެއިން ސިއްހީ ދާއިރާއިން ޗައިނާއާ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމުގެ ދަށުން ލޮލުގެ ބަލިތަކަށް ފަރުވާދޭ ޚާއްސަ ކްލިނިކެއް/ކޭމްޕެއް ޗައިނާއިން ހިންގުމަށް ވަނީ ނިންމާފައެވެ. މި އެއްބަސްވުމުގައި ފުރަތަމަ ސޮއިކުރެވުނު 2019 ވަނަ އަހަރުއެވެ. އޭރު ސޮއެކުރެވުނު 2 އަހަރުގެ އެއްބަސްވުމުގެ ދަށުން ޗައިނާއިން ވަނީ ލޮލުގެ ފަރުވާދޭ ޚާއްސަ ކޭމްޕެއް ހިންގާފައެވެ. އަދި މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމާ ގުޅިގެން އަލުން ސޮއިކުރެވުނު އެއްބަސްވުމެކެވެ.
ދެ ގައުމުން އިޤްތިޞާދީ އަދި ފަންނީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގެ ދަށުން ޗައިނާ ސަރުކާރުން 968 މިލިއަން އެއްލައްކަ ނުވަދިހަ ހަތް ހާސް ހަ ސަތޭކަ އެކާވީސް ރުފިޔާ (62.8 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 400 މިލިއަން ޔުއާން) ގެ ހިލޭ އެހީ ރާއްޖެއަށް ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ. މި އެހީ އަކީ އިޖްތިމާއީ އަދި އުމްރާނީ ތަރައްޤީއަށް ހޭދަކުރުމަށް ޗައިނާ ސަރުކާރުން ފޯރުކޮށްދެއްވާ އެހީއެކެވެ.
މީގެ އިތުރުން ދެޤައުމުގެ ރައްޔިތުންނަށް ކުރިން ވިސާ ނެގުމަކާ ނުލައި އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރެވޭ ގޮތަށް އެއްބަސްވެފައިވާ އިރު، ދިވެހިންނަށް ޗައިނާއަށް ދިޔުމުން 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެއެވެ. ނަމަވެސް މި އުސޫލަށް އަމަލުކުރަން ފަށާނީ ކޮވިޑް-19އާ ގުޅިގެން ޗައިނާއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމުންނެވެ.
ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް މަސައްކަތާ ބެހޭ ގޮތުން ވެވުނު އެއްބަސްވުމުގެ ދަށުން ސިނަމާލެ ބްރިޖްގެ މަރާމާތުގެ މަސައްކަތް ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ. އަދި ބްރިޖް ދިވެހި ސަރުކާރާ ހަވާލުކުރުމަށްފަހު 2 އަހަރުގެ މުއްދަތަކަށް ބްރިޖްގެ މަރާމާތުގެ މަސައްކަތް ބެލެހެއްޓުމަށް ޗައިނާއާއެކު ކުރިން ވެވުނު އެއްބަސްވުމުގައި ވެސް ވެއެވެ. އާ އެއްބަސްވުމުގެ ދަށުން މި މަސައްކަތް ޗައިނާއިން އަނެއްކާވެސް ކުރިއަށް ގެންދާނެއެވެ.
މީގެ އިތުރުން ދެ ގައުމުން ދެން އެއްބަސްވެ، ސޮއި ކޮށްފައިވަނީ ފަސް ރަށެއްގައި މައިކްރޯގްރިޑް ސީވޯޓަރ ޑީސެލިނޭޝަން ޕްލާންޓް ޤާއިމްކުރުމަށެވެ. މި އެއްބަސްވުމުގެ ދަށުން ކ. ކާށިދޫ، ޅ. އޮޅުވެލިފުށި، ހއ. ކެލާ، ރ. އަލިފުށި އަދި ގއ. ދާންދޫގައި މައިކްރޯ-ގްރިޑް ސީވޯޓަރ ޑީސެލިނޭޝަން ޕްލާންޓް ޤާއިމްކުރާނެއެވެ. މިއީ 199 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.