ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ މިއަދު ހަވީރު ފުރާވަޑައިގެންފިއެވެ.

މިދިޔަ އާދީއްތަ ދުވަހު އޭނާ ރާއްޖެ ވަޑައިގަތީ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދައުވަތަކަށެވެ.

ހަރްޝް ވަރްދަން ޝްރިންގްލާ ގެ ދަތުރުފުޅުގައި ވަނީ ތިލަފުއްޓާއި ވިލިމާލެ އާއި މާލެއާ ގުޅުވާލާ ބްރިޖްގެ މަޝްރޫއަށް ފައިނޭންސް ކުރުމުގެ ބައެއް ކަމުގައިވާ 100 މިލިއަން ޑޮލަރުގެ ގްރާންޓް އެގްރީމެންޓާއި، ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައި-އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) އާ ގުޅޭ ދެ އެމްއޯޔޫ އެއްގައި ސޮއިކުރައްވާފައެވެ.

އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާ ބައްދަލުކުރައްވާފައެވެ.

ރައީސް ސޯލިހާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދުގައި މިހާރު ވެސް އޮތް ބަދަހިގުޅުންތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން މި އަހަރަކީ ދެ ގައުމުގެ ޚާރިޖީ ގުޅުމަށް 55 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، ދެ ގައުމުގެ ދެމެދު އޮތް ވަރުގަދަ ޚާރިޖީ ގުޅުމާއި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގާތް ރަޙުމަތްތެރިކަމުގެ ގުޅުންތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. އަދި ކޯވިޑް-19 އާ ގުޅިގެން އިންޑިއާއިން ރާއްޖެއަށް ވަމުންދާ އެހީތެރިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިތުރަށް މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ސަރަޙައްދީ ވިޔަފާރި ކުރިއެރުވުމާއި، އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާއާއި، އަދި ކޯވިޑް-19 އާ ކުރިމަތިލުމުގައި އެއްބާރުލުން އިތުރުކުރުން ހިމެނެއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރު ކުރުމަށް "އެއަރ ބަބްލް" އެއް ޤާއިމުކޮށްދީފައިވާތީ، އެ ކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައިލުމާއެކު ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާގެ ފަތުރުވެރިންގެ ޢަދަދު އިތުރުވެފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އިންޑިއާއިން ރާއްޖޭގައި މިހާރު ވެސް ކުރިއަށްގެންދާ މަޝްރޫޢުތަކަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ "ގްރޭޓަރ މާލެ ކަނެކްޓިވިޓީ" ޕްރޮޖެކްޓް ފާހަގަކުރައްވައި، އިންޑިއާ ސަރުކާރުން ދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ރައީސް ރާމް ނާތް ކޯވިންދާއި ބޮޑުވަޒީރު ނަރެންދްރެ މޯދީއަށް އެ މަނިކުފާނުގެ ހެޔޮއެދުންތައް ރައްދުކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވަނީ ދެ ޤައުމުގެ ގުޅުންތައް ކުރިމަގުގައި ވެސް އިތުރަށް ބަދަހިވެ ކުރިއަރައިދިއުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ.