ވެލެންސިޔާ ކޮޅަށް ކެޕްޓަން ކަރީމް ބެންޒެމާ އާއި ހުނަރުވެރި ފޯވާޑް ބްރެޒިލްގެ ވިނީޝިއަސް ޖޫނިއަރ، ކޮންމެ ކުޅުންތެރިޔަކު ކާމިޔާބު ކުރި ދެލަނޑުން 4-1 އިން މޮޅުވެ ސްޕެނިޝް ލަލީގާގެ ތާވަލުގެ ކުރީގައި ފުރިހަމަ ކޮންޓްރޯލެއް ރެއާލް މެޑްރިޑުން ރޭ ނެގިއިރު ވާދަވެރި ބާސެލޯނާ ޕޮއިންޓަކުން ރޭ ފުއްދާލަން ޖެހިއްޖެއެވެ.
ބެންޒެމާގެ ދެލަނޑު ފެނިގެންދިޔައީ މެޗުގެ 43 ވަނަ މިނެޓާއި 88 ވަނަ މިނެޓުގައެވެ. ބެންޒެމާގެ ދެވަނަ ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރި ލަނޑެކެވެ. މިސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ވިނީޝިއަސްގެ ދެލަނޑު ފެނިގެންދިޔައީ 52 ވަނަ މިނެޓާއި 61 ވަނަ މިނެޓުގައެވެ. ވެލެންސިޔާގެ ހަމައެކަނި ލަނޑު، މެޗުގެ 76 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ގޮންކަލޯ ގުއެޑްސްއެވެ.
ކުރީގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ބާސެލޯނާ ރޭ އެއްވަރުވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް ގްރަނާޑާއާ 1-1 އިންނެވެ. ބާސާ ލީޑުގައި އޮވެ މެޗް ނިމެން ދަނިކޮށް މައްސަލަތައް ދިމާވީ ދެވަނަ ރީނދޫ ކާޑާއެކު 79 ވަނަ މިނެޓުގައި މިސީޒަނުގައި ބާސާގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ޒުވާން މިޑްފީލްޑަރު ގަވީއަށް ރަތް ކާޑް ދެއްކުމުންނެވެ. މިމެޗުގައި ބާސާއަށް ލަނޑު ޖަހައި ދިނީ ލޫކް ޑިޔޯންގެވެ. މިއީ ދާދިފަހުން އެކްލަބާ ގުޅުނު، އެކްލަބުގެ ކުރީގެ ކުޅުންތެރިޔާ ޑެނީ އަލްވެސް ނަގައިދިން ހުރަހަކުން ބޮލުން ޑިޔޯންގ ކާމިޔާބު ކުރި ލަނޑެކެވެ. ގްރަނާޑާއަށް އެއްވަރު ކޮށްދިނީ 89 ވަނަ މިނެޓުގައި އެންޓޯނިއޯ ޕުއެޓަސްއެވެ.
މިނަތީޖާތަކާއެކު ތާވަލުގެ ކުރީގައި ފުރިހަމަ ކޮންޓްރޯލަކާއެކު ރެއާލް އޮތީ 49 ޕޮއިންޓާއި ފައިދާ 27 ލަނޑާއެކުއެވެ. ދެވަނައިގައި 41 ޕޮއިންޓާއި ފައިދާ 17 ލަނދާއެކު އޮތީ ސެވިއްޔާއެވެ. ތިންވަނައިގައި 33 ޕޮއިންޓާއެކު އޮތީ ރެއާލް ބެޓިސްއެވެ. ސެވިއްޔާ އާއި ބެޓިސްއަށް ވުރެ އިތުރަށް ރެއާލް ދެމެޗް ކުޅެފައިވާކަން ފާހަގަ ކޮށްލެވެއެވެ. މިސީޒަނުގައި ގަދަ ހަތަރަކުން ޖާގަ ހޯދުމުގެ ރޭހުގައި ބާސެލޯނާ، ތާވަލުގެ 6 ވަނައިގައި އޮތީ 32 ޕޮއިންޓާއެކުއެވެ.