ދެ ސްކޫލެއްގައި ކުލާސްރޫމް ޢިމާރާތް ކުރުމުގެ މަސައްކަތް ޔެސް މޯލްޑިވްސް އާ ހަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން، ޔެސް މޯލްޑިވްސް އާ ހަވާލުކޮށްފައިވަނީ ށ. ޅައިމަގު ސްކޫލާއި އއ. އަތޮޅު މަދަރުސާގެ ކުލާސްރޫމް ޢިމާރާތް ކުރުމުގެ މަސައްކަތެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 16.7 މިލިއަން ރުފިޔާ އަށެވެ.

މި އެއްބަސްވުމުގެ ދަށުން ޅައިމަގު ސްކޫލުގައި 8 ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލެއް ޢިމާރަތް ކުރާނެއެވެ. އަދި އއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 8 ކްލާސް ރޫމާއި އޮފީސް، ސްޓާފްރޫމް، އަދި މަލްޓިޕާޕަސް ހޯލް އިމާރާތް ކުރުމަށް ނިންމާފައިވާ އިރު، 400 ދުވަހުގެ ތެރޭގައި ނިންމުމަށް މި މަސައްކަތް ހަވާލު ކުރީ 21.9 މިލިއަން ރުފިޔާ އަށެވެ.

މި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. އައިޝަތު އަލީ އެވެ. ޔެސް މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަހްލަމް ރުޝްދީ އެވެ.