މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިމާލެ) އިން ދަތުރުކުރުމުގައި ޕީސީއާރް ޓެސްޓް ހަދަން މަޖުބޫރުކޮށްފިއެވެ.

އެޗްޕީއޭ އިން ބުނީ މި ފިޔަވަޅު އެޅީ މާލެ ސަރަޙައްދުގައި ކޯވިޑް-19 ގެ ކޭސް އިތުރުވެ އަދި މާލެ ސަރަޙައްދުގައި ހަފްތާއަކު ޓެސްޓުކުރެވޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ ފަސް ޕަސެންޓަށް ވުރެ މަތިވެފައިވާތީ ކަމަށެވެ.

އެގޮތުން މާދަމާ އިން ފެށިގެން ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއް ނަމަ ދަތުރުކުރުމުގެ 72 ގަޑިއިރު ނުވާ ޕީ.ސީ.އާރް ނެގެޓިވް ނަތީޖާއާއެކު ދަތުރުކުރުމަށާއި އަދި ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ ފަރާތެއްނަމަ 14 ދުވަހުގެ ފުރަބަންދު ކަރަންޓީނު ފުރިހަމަކުރުމަށް އެޗްޕީއޭ އިން ވަނީ އަންގާފަ އެވެ.

އެފަދަ ފަރާތްތައް ކަރަންޓީނުން ދޫކުރެވޭނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ޕީ.ސީ.އާރ ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުންނެވެ. މީގެތެރޭގައި މިފަދަ މީހުންނާއެކުގައި ދަތުރުކުރަންޖެހޭ ވެކްސިން ނުޖެހޭ ޢުމުރުގެކުޑަކުދިން ނުހިމެނޭނެއެވެ.

މީގެއިތުރުން މާލެ ސަރަހައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން 'ކޮވިޑްސޭފް' ޕޯޓަލްއިން ނެގެޓިވް ނަތީޖާ ދައްކާފައި ދަތުރުކުރުން، އަދި ކަރަންޓީނުވުމަށް ދަތުރުކުރާ ފަރާތްތަކުން 'ހާލުބެލުން ޕޯޓަލް' އިން ހުއްދަ ހޯދައިގެން ދަތުރުކުރުމަށް ވެސް ވަނީ އަންގާފަ އެވެ.