ކޮންމެ އިންސާނަކުވެސް ރީތިކޮށް ހުންނަން ބޭނުންވާނެ އެވެ. ރީތި ހަންގަޑެއް ލިބުމަށް އެދޭނެ އެވެ. އެހެންނަމަވެސް ބައެއްމީހުންގެ ދިރިއުޅުމުގެ އާދަކާދަތައް ގެންގުޅޭ ގޮތުން އުމުރަށްވުރެ މުސްކުޅިކަމަށް ދައްކަ އެވެ. މިއީ އެއްވެސްމީހަކު އެދޭނެ ގޮތެއް ނޫނެވެ. ދިރާސާތަކުން ހާމަވާގޮތުގައި އިންސާނާގެ ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން ބައެއްމީހުން އުމުރަށްވުރެ މުސްކުޅިކަމަށް ދައްކަ އެވެ.

އުމުރުން ދުވަސްވާރަކަށް ކޮންމެ މީހެއްގެ ހަށިގަނޑަށާއި ހަންގަނޑަށްވެސް ބަދަލު އައުމަކީ ފިތުރީ ކަމެކެވެ. އެ އުސޫލަކަށް ބަދަލެއް ނުގެނެވޭނެ އެވެ. އެހެންނަމަވެސް ރީތިކޮށް ހުރުމަށް މަސައްކަތްކޮށްގެ ތިމާގެ ބުރުސޫރަ ރީތި ކުރެވޭނެ އެވެ. އެގޮތަށް މަސައްކަތް ނުކުރާނަމަ، ތިމާގެ އުމުރަށްވުރެ މުސްކުޅިކަމަށް ދައްކާނެ އެވެ. އެހެންކަމުން ގެންގުޅޭ ނުރަނގަޅު އާދަތައް ދޫކޮށްލައި ހަށިގަނޑާއި ހަންގަޑު ރީތިކޮށް ބެހެއްޓުމަށްޓަކައި މަސައްކަތް ކޮށްލަންޖެހެ އެވެ. އަމިއްލަ ނަފުސަށްޓަކަ އެވެ. ތިރީގައިމިވަނީ ހަންގަޑު ރީތިކޮށް ބެހެއްޓިދާނެ ބައެއް ގޮތްތަކެވެ.

އަވި

އަތްވަކީ ހަންގަޑަށް ވަރަށް ބޮޑަށް ގެއްލުންދޭ އެއްޗެކެވެ. އިރުގެ އަލްޓްރާ ވައިލެޓް ރޭޒްގެ ސަބަބުން ހަންގަނޑު އަނދައެވެ. ލައްޖަހައެވެ. ކަޅުވެއެވެ. އެހެންނަމަވެސް އަޅުގަނޑުމެން ދިވެހިންނަށް އަތްވަށް ނުނުކުމެ އުޅެވޭކަން ނެތެވެ. ވީމާ، އަތްވަށް ނުކުންނައިރު ރަނގަޅު ސަން ލޯޝަން އެއް އުނގުޅާލުން ވަރަށް މުހިންމެވެ. ހަމުގެ ޑޮކްޓަރުން ވިދާޅުވަނީ ގޭތެރޭގައި އުޅޭއިރުވެސް ސަން ސްކްރީނެއް އުނގުޅައިގެން އުޅުމަށެވެ. ބޭރަށް ނުކުންނައިރު، އަވިން ސަލާމަތްވުމަށްޓަކައި ކުޑައެއް ނުވަތަ ތޮތްޕެއް ބޭނުންކުރުން ރަނގަޅެވެ. އިރުގެ ގަދަ ހޫނު ސީދާ ހަންގަނޑުގައި ޖެހުމަކީ ހަންގަނޑަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބޭ ކަމެކެވެ. މިކަމުގެސަބަބުން ހަމުގެ ކެންސަރު ޖެހޭކަމަށްވެސް ޑޮކްޓަރުން މައުލޫމާތު ދެއްވަ އެވެ.

ރަނގަޅަށް ނިދުން

އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާދަކާދަ މިހާރު މި ހުންނަގޮތުން ރޭގަނޑުގެ ވަރަށް ގިނަވަގުތު ހޭލާ އުޅެވެއެވެ. ނަމަވެސް ރޭގަނޑުގެ ހަމަ ނިދި ނުލިބޭނަމަ ހަންގަނޑަށް ގެއްލުން ލިބެއެވެ. ލޯކައިރި ކަޅުވުމާއި ލޯ ވަޅުވަނުން މިއީ ރަނގަޅަށް ނުނިދުމުގެ ސަބަބުން ވަރަށް އާންމުކޮށް ދިމާވާ ކަންކަމެވެ. މީގެ އިތުރަށްވެސް ނިދުމަކީ "ސްޓްރެސް" ކުޑަކުރުމާއި މީހާ ތާޒާކޮށް ހުރުމަށް ވަރަށް މުހިންމުކަމެކެވެ. ހަމަ ނިދި ނުލިބޭނަމަ، މޫނުގައި ރޫޖެހެ އެވެ. އަދި ހަންގަނޑުގެ ބާރުދެރަވެ، މުސްކުޅި ކަމަށް ދައްކަ އެވެ. މީގެ އިތުރަށް ރަނގަޅަށް ނުނިދޭނަމަ ހަށިގަޑުނގައި ނުރަނގަޅު ކޮލޮސްޓްރޯލްވެސް އިތުރުވެ އެވެ.

ހަކުރު

ވަރަށް ގިނަ މީހުނަށް ފޮނިއެއްޗެއް ކައި ނުލައި ހިތްހަމަނުޖެއެވެ. ފޮނިއެއްޗެއް ގަނެގެން ނުވަތަ ގޭގައި ހަދާލައިގެންނަމަވެސް ދުވާލަކު އެއްފަހަރު ފޮނިއެއްޗެއް ކައިނުލާ ނޫޅެވޭ މީހުން އުޅެއެވެ. އެހެންނަމަވެސް ހަކުރުގެ ސަބަބުން ހަންގަނޑަށް ވަރަށް ގިނަ ގެއްލުން ލިބެއެވެ. ހަކުރުގައި ހުންނަ މާއްދާއެއްގެ ސަބަބުން ހަންގަނޑު ކުރަކިވެސް މުސްކުޅިވުމަށް މަގުފަހިކޮށްދެ އެވެ. އެއީ ހަކުރު ހުންނަ ތަކެތި ކެއުމުން ހަންގަނޑުގައި ހުންނަ ޕޮރޮޓީން އަށް ގެލުން ލިބޭތީ އެވެ. ޕްރޮޓީން އަކީ ހަންގަނޑު ރީތިކޮށްދީ އޮމާންކޮށްދީ ހަންގަނޑު ތާޒާކޮށްދޭ މުހިންމު މާއްދާއެކެވެ.

ހިނިތުންވުން

އެހެންމީހުނާ ކުރިމަތިލާއިރު ހިނިތުންވުމަކީ މީހުން ހިތްހަމަޖައްސައިދޭކަމެކެވެ. އަދި ތިމާގެ ސޫރަވެސް ރީތިކޮށްދޭކަމެކެވެ. ރުޅި އައިސް މީހުނަށް މޫނު ހަދައިގެން ހުރުމުން މީހުން ނުރުހުންވުމުގެ އިތުރަށް މޫނުމަތީގައި ރޫޖެހި މުސްކުޅި ކަމަށް ދައްކާނެ އެވެ. ވީމާ ތިމާގެ އަމިއްލަ ނަފުސަށްޓަކައިވެސް މީހުނަށް މަޢާފުކޮށް ސިކުނޑީގައިވާ ފިކުރުތައް އެއްކިބާކޮށް ހިނުތުންވުމާއެކު މީހުނާއި ބައްދަލުކުރާށެވެ. އުފާވެރި މޫނަކުން ތިމާއަށާއި އެހެންމީހުންގެ ހިތް ހަމަޖައްސައިދެވޭނެ އެވެ.