ފ.ފީއަލީން ފުރައިގެން މާލެއަށް ދަތުރުކުރި އަލަމާ-05 ދޯނީގެ ކެޕްޓަން ކ. ގުރައިދޫ، ނަލަވާ، އާދަމް ޝަފީގު (32އ) ހޯދުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަން ކުޑަކޮށްފި އެވެ.

ސިފައިން ރޭ ބުނީ މި މަހުގެ ތިންވަނަ ދުވަހުގެރޭ 22:50 ހާއިރު މި ދޯނި ވ.ފުސްފަރު ހުޅަނގުން އަޑިއަށް ގޮސް އޭގެއިން ދަތުރުކުރި ތިން މީހުން ކަނޑުވުމާ ގުޅިގެން ކޯސްޓްގާޑުން ކަނޑާއި ވައިގެމަގުން ކުރެވުނު މަސައްކަތުން މި މަހުގެ ފަސްވަނަ ދުވަހުގެ ހެނދުނު 06:50 ހާއިރު މި ދޯނިން ދަތުރުކުރި ދެ ފަޅުވެރިން ސަލާމަތްކޮށްފައިވާ ކަމަށެވެ.

ނަމަވެސް މި ދޯނީގެ ކެޕްޓަން ނުފެންނާތީވެ، އޭނާ ހޯދުމަށް ކޯސްޓްގާޑުން ވަނީ ހުއްޓުމެއްނެތި މަސައްކަތް ކުރެވިފައިވާ ކަމަށާއި މިގޮތުން އޭނާ ހޯދުމަށް ކަނޑާއި ވައިގެ މަގުންް 7299.78 އަކަނޯޓިކަލް މޭލުގެ ބޮޑު ސަރަޙައްދެއް ބެލިފައިވާ ކަމަށް ސިފައިން ބުނެ އެވެ.

ނަމަވެސް ދޯނީގެ ކެޕްޓަންގެ އެއްވެސް ނިޝާނެއް މިހާތަނަށް ފެނިފައި ނުވާތީވެ، ކޯސްޓްގާޑުން ހިންގި ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަން، ރެއާ ހިސާބަށް ހިންގި އެކްޓިވް ސަރޗް ސަރފޭސް ސަރޗަކަށް ބަދަލުކުރެވިފައިވާ ކަމަށް ސިފައިން ބުނެ އެވެ.

ސިފައިން ވަނީ ހޯދަމުންދާ ދޯނީގެ ކެޕްޓަންގެ އިތުރު މަޢުލޫމާތެއް ނުވަތަ ނިޝާނެއް ފެނިއްޖެނަމަ މި ސަރަޙައްދުން ދަތުރު ކުރައްވާ ފަރާތްތަކުން ބައްލަވައިދެއްވައި، ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅައި ހިއްސާކޮށްދިނުމަށް އެދިފަ އެވެ.