ޗުއްޓީއަށް އެހެން ރަށްރަށުގައި ތިބި ޓީޗަރުންނާއި ދަރިވަރުން ވީހާ ވެސް އަވަހަކަށް، އެ ދަރިވަރަކު ކިޔަވާ ސްކޫލް ހުންނަ ރަށަށް ދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ސްކޫލްތަކުގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަކީ މިނިސްޓްރީން އަބަދުވެސް އިސްކަންދޭ ކަންތައް ކަމަށެވެ.
އެހެންވެ، ދެ ވަނަ ޓާމުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފަށާއިރު ހުރިހާ ދަރިވަރުންނާއި ޓީޗަރުން ސްކޫލަށް ހާޒިރުވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް ބަޔާނުގައި ބުންޏެވެ.
“މިވަގުތު ޗުއްޓީއަށް އަމިއްލަ ރަށުން ބޭރުގައި އުޅުއްވާ ޓީޗަރުންނާއި ދަރިވަރުން ހެލްތް ޕްރޮޓެކްޝަން ދަތުރުކުރުމުގެ މިންގަނޑުތައް ފުރިހަމަކުރައްވާ ވީ އެންމެ އަވަހަކަށް ރަށަށް ވަޑައިގެން ދެއްވުމަކީ މި މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެކެވެ.” މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
އިއްޔެ ކުއްލިގޮތަކަށް އެޗްޕީއޭއިން މާލޭ ސަރައްދުން ފުރާ މީހުން ކޮވިޑަށް ޓެސްޓުކުރަން ޖެހޭގޮތަށް ކަނޑައެޅުމުން ދަތުރުކުރަން ރާވާފައިވާ ގިނަ މީހުން ވަނީ މިރޭ އިރާކޮޅުން ފެށިގެން ސޯޝަން ސެންޓަރާއި ސެނަހިޔާ ކައިރީގައި ކިޔުގައި ޖެހެން ފަށައިފައެވެ.
އެހާ ގިނަ އަދަދެއްގެ ބަޔަކު އެއް ފަހަރާ ޓެސްޓު ހަދަން ދިޔުމުން އެޗްޕީއޭއިން ރޭ ވަނީ ކުރިއަށް އޮތް ދެ ދުވަހު މާލެއިން ފުރާ މީހުންނަށް ލުއިތަކެއް ދިނުމަށް ނިންމައިފައެވެ.