ސްޓެލްކޯއިން މެނޭޖީރިއަލް ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ.

މިއީ އެ ކުންފުނީގެ މިޑްލް މެނޭޖުމަންޓަށް އަމާޒުކޮށްގެން ހިންގި ޓްރެއިނިންގ ޕްރޮގްރާމެކެވެ.

ސްޓެލްކޯއިން ބުނީ، އެކުންފުނިން ދެމުންގެންދާ ޚިދުމަތްތަކާއި، ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް އެކުންފުނީގެ މިޑްލް މެނޭޖްމަންޓަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔަ މެނޭޖީރިއަލް ޓްރެއިނިންގ 45 މުވައްޒަފަކު ފުރިހަމަކޮށްފައިވާ ކަމަށެވެ.

މެނޭޖީރިއަލް ޓްރެއިނިންގ ނިންމި ބައިވެރިންނަށް ސެޓިފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ މި ޓްރެއިނިންއާއެކު، ކުންފުނި ކުރިއަށްދާ ސްޕީޑާ އެއްވަރަށް ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓެއްގެ ހިންގުންވެސް އިތުރަށް ހަރުދަނާވެ، ވަރުގަދަވެގެންދާނެ ކަމަށެވެ.

މިއީ އެކުންފުނީގެ ލީޑަރޝިޕް ސަކްސަޝަން ޕްލޭންގެ ދަށުން ނެކްސްޓް ޖެނެރޭޝަން އޮފް ލީޑަރސް ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމެއް ކަމަށާއި ކުރިއަށް އޮތްތަނުގައި ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންގެ ގޮތުގައި މަސައްކަތްކުރަން ތިބި ފަރާތްތަކަށް މިފަދަ އިތުރު ޓްރެއިނިންގތަކެއް ދެވި، ކުންފުނީގެ ވިޝަންއާއި މިޝަންއާ އެއްގޮތަށް މަސައްކަތްތައް ބައްޓަންކޮށް، ރައްޔިތުންނަށް މިހާރަށްވުރެވެސް ރަނގަޅު ހިދުމަތްތަކެއް ދެވިގެންދާނެ ކަން ކަށަވަރު ކުރެވިގެންދާނެ ކަމަށް ވެސް މުޣުނީ ވިދާޅުވިއެވެ.