ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުތައް މައްޗަށް ގޮސް، މިއަދު ވެސް 400 އިން މައްޗަށް އަރައިފިއެވެ.

އެޗްޕީއޭ އިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖެއިން އިތުރު 454 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތެރެއިން 165 މީހުންނާއި މާލެއިން 192 މީހުންނާއި ރިސޯޓުތަކުން 74 މީހުން ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު 4،197 ސާމްޕަލް ޓެސްޓު ކޮށްފައިވާ އިރު، ފަރުވާ ދެމުންދަނީ 3،825 މީހުންނަށެވެ. އަދި އޭގެ ތެރެއިން 21 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.

މިއަދުގެ އަދަދާއެކު ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިފައިވަނީ 98،506 މީހުންނަށެވެ.

ކޯވިޑްގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 264 އަށް އަރާފަ އެވެ.