ދުނިޔޭގެ އެންމެ ދުވަސްވީ ފުޓްބޯޅަ މުބާރާތް، އިނގިރޭސި އެފްއޭ ކަޕް ތިންވަނަ ބުރުގައި އެސްޓަންވިލާ 0-1 އިން ބަލިކޮށް މަޝްހޫރު މެންޗެސްޓަރ ޔުނައިޓެޑް ހަތަރުވަނަ ބުރުން ރޭ ޖާގަ ހޯދައިފިއެވެ.

އަނިޔާގެ ސަބަބުން ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި ނިކުތް މެންޗެސްޓަރ ޔުނައިޓެޑުގެ ލަނޑު، ފުރަތަމަ ހާގުގެ 8 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސްކޮޓްލޭންޑް ގައުމީ ޓީމުގެ ފޯވާޑް މެކް ޓޮމިނީއެވެ.

އެސްޓަންވިލާގެ ފަރާތުން ނުރައްކާތެރި ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މިމެޗުގައި އެޓީމުން ޔުނައިޓެޑް ގޯލު ދާގަނޑުގައ ދެބޯޅައެއް ތަތްކޮށްލިއެވެ. ފުރަތަމަ ލަނޑު ރެފްރީ ބަލައި ނުގަތީ ވީއޭއާރު ބެލުމަށްފަހު، ލަނޑު ޖެހުމުގެ ކުރިން އެސްޓަންވިލާ ކުޅުންތެރިއަކު ޔުނައިޓެޑުގެ ފޯވާޑް އެޑިސަން ކަވާނީއަށް ފައުލްކޮށްފައިވާ ކަމަށް ބަލާފައެވެ. ދެވަނަ ލަނޑު ބަލައި ނުގަތީ އޮފްސައިޑްކަމަށް ބެލުމަށްފަހުއެވެ.

މިއީ ލިވަޕޫލްގެ ތަރި ސްޓީވެން ޖެރާޑް ކޯޗެއްގެ ގޮތުގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ނުކުތް ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ. ކުޅުންތެރިއެއްގެ ގޮތުގައި ޖެރާޑް ވަނީ 35 މެޗް މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅެފައެވެ. މީގެ ތެރެއިން 13 މެޗުން މޮޅުވިއިރު 20 މެޗުން ވަނީ ބަލިވެފައެވެ. އަނެއް ދެމެޗް ނިމުނީ އެއްވަރު ވެގެންނެވެ. ޔުނައިޓެޑާ ދެކޮޅަށް ޖެރާޑް އެންމެފަހުން ކުޅުނީ 2015 ވަނަ އަހަރުގެ މާޗް މަހުގައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ދަނޑަށް ނިކުމެ އެންމެ 38 ސިކުންތު ތެރޭގައި ޖެރާޑް ދަނޑުން ފައިބަން ޖެހުނީ ރަތްކާޑަކާ އެކުއެވެ.

އެސްޓަންވިލާގެ ކޯޗް ސްޓީވެން ޖެރާޑް (މ).

އެފްއޭ ކަޕް ހަތަރުވަނަ ބުރުގައި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލު ކުރަން ޖެހެނީ މިޑްލްސްބަރާއާއެވެ. މިމެޗް ކުޅޭނީ ފެބްރުއަރީ 5 ވަނަ ދުވަހުއެވެ. އެފްއޭ ކަޕް ހަތަރުވަނަ ބުރުން ޖާގަ ނުލިބި ކެޓި މަޝްހޫރު ދެޓީމަކީ އާސެނަލް އާއި ނިއުކާސަލްއެވެ.