އެނބުލަކީ އަނގަޔަށް މީރު ސިއްޙަތަށް ފައިދާ ހުރި މޭވާ އެކެވެ. ވިޓަމިން އޭ އާއި ވިޓަމިން ސީ އަދި އެންޓިއޮކްސިޑެންޓް ގިނަ އަދަދަކަށް އެކުލެވިގެންވާ މި މޭވާ އަކީ ނުވަދިހައިގެ އަހަރުތަކުގެ ކުރިން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުން ލިބޭ ބާވަތެކެވެ. ނަމަވެސް މިހާރު އެނބޫ ފެނުނަސް އަދި އެނބުލޭ ބުންޏަސް އެއީ ކޮންއެއްޗެއްކަން ނޭނގޭ ކުދިން ވަރަށް ގިނަ އެވެ. އެއީ ރާއްޖެ އިން މި ބާވަތުގެ ގަސް މިހާރު މަދުވުމުންނެވެ. ނަމަވެސް މިއީ ވަރަށް ފަސޭހައިން ހެއްދިދާނެ ގަހެކެވެ.
ގިނަ ރަށްރަށުގައި އެނބޫ ހެދިފައި ހުރީ މީހުން ދިރި ނޫޅޭ ހިސާބުތަކުގަ އެވެ. ވަލުގަޔާއި ހޭޅިފަށުގަ އެވެ. އަދި ފަޅު ރަށްރަށުގައިވެސް އެނބޫގަސްތައް ހެދިފައި އޮތެވެ. މިއީ މީހަކު ނުވަތަ ބަޔަކު އިންދާ ހައްދައިގެން ހެދިފައިވާ ގަސްތަކެއް ނޫނެވެ.
އެނބޫގަސް ހެއްދުމަށްޓަކައި މާ ބޮޑު މަސައްކަތެއް ކުރާކަން ނުޖެހެ އެވެ. ރަނގަޅަށް ދޮންވެފައިވާ އެނބުލެއްގެ އޮށް ދެވެލުމަށްފަހު ކަރުދާސް ކޮޅަކުން ނުވަތަ ފޮތިކޮޅަކުން ފުހެލާށެވެ. އެއަށްފަހު ހިއްކާލުމަށް އެއްދުވަހު ބާއްވާށެވެ. ދެން ޖާގަ އޮތް ހުސް ބިމެއްގައި އެ އޮށް އިންދާށެވެ. އެނބޫ އޮށް އިންދަންވާނީ ރަނގަޅަށް އަވި ލިބޭ ތަނެއްގަ އެވެ. އަދި އެ ގަސް ހެދޭނެ ޖާގަވެސް އޮތް ތަނެއްގަ އެވެ. އެނބޫ ގަސް ފަޅާ ދުވަސް ކޮޅު މަދު މަދުން ފެންދިނަސް މިއީ މާ ގިނައިން ފެން ބޭނުންވާ ބާވަތެއް ނޫނެވެ. މިއީ ވަރަށްގިނައިން އަވި ބޭނުންވާ ބާވަތެއްގެ ގަހެކެވެ.
އެމެރިކާގެ އެގްރިކަލްޗަރ ޑިޕާޓްމަންޓުން ހާމަކުރާގޮތުގައި އެނބޫގަހެއް ހެދި މޭވާ އަޅަން 3 އަހަރާއި 6 އަހަރާއި ދެމެދުގެ މުއްދަތެއް ނަގައެވެ. ކަށިތަކެއް ހުންނަ މި ގަސް 16 ފޫޓަށް ދިގުވެ އެވެ. އެނބޫގަސް ހެއްދުމަށް އެންމެ ރަނގަޅު ކަމަށް ބެލެވެނީ އެހެންގަސްތަކާއި ވީހާވެސް ދުރުގައވެ.
ރާއްޖެ ނޫނަސް ދުނިޔޭގެ އެހެންގައުމުތަކުގައިވެސް އެނބޫ ގަސް ހުރެއެވެ. އެމެރީކާ، އޮސްޓްރޭލިޔާ، ފްރާންސް، އެންޑަލޫޝާ އަދި އޭޝިޔާގެ އެހެން ގައުމުތަކުގައިވެސް އެނބޫ ގަސް ހެދެއެވެ.
އެނބުލަކީ ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަކޮށްދީ އެތައްބައިވަރު ޞިއްޙީ ފައިދާތަކެއް ލިބޭ މޭވާއެކެވެ. ނަމަވެސް މި ބާވަތުގެ ގަސް މިހާރު ރާއްޖެއިން ހުސްވެދާނެކަމުގެ ބިރު މިވަނީ ހީވެފައެވެ. ރާއްޖޭގައި ފަސޭހައިން ހެދޭ އަދި އެންމެ ކުރީޒަމާނުއްސުރެ ރާއްޖޭގައި ހެދިފައިވާ ގަސްތައް ހުސްވިޔަ ދީގެން ނުވާނެއެވެ. ކުޑަކުޑަ މަސައްކަތަކުން ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެނބޫ ހެއްދިދާނެ އެވެ. މިހާރު އެނބޫގަސްހުރި ރަށްރަށުން އެހެން ރަށްރަށަށް ކުދި ގަސްތައް ގެންގޮސްގެންވެސް އެނބޫގެ އާއިލާ ރާއްޖެގައި އާލާ ކުރެވިދާނެއެވެ.