އެމްއެމްޕީއާރުސީގެ ދައުވަތަކަށް ޖަޕާންގެ ޖާނަލިސްޓުންތަކެއް ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެ އަތުވެއްޖެއެވެ.

މި ދަތުރު ކުރިއަށް ދާނީ ޖެނުއަރީ 11 ވަނަ ދުވަހުން 17 ވަނަ ދުވަހާ ހަމައަށެވެ. މި ދަތުރުގައި ރާއްޖެ އައިސްފައިވަނީ ޖަޕާންގެ އާންމުންގެ މެދުގައި މަޤުބޫލު އޮންލައިން އަދި ޕްރިންޓް މަޖައްލާތަކާއި، ނޫސް ތަކުގެ ލިއުންތެރިން ހިމެނޭ ޓީމެކެވެ. މި ފެމިލިއަރައިޒޭޝަން ދަތުރުގައި ބައިވެރިވާ މީޑިއާ ޓީމް ތިބުމަށް ހަމަޖެހިފައިވަނީ ޕުލްމަން މޯލްޑިވްސް މާމުޓާ އަދި މާކިއޯ މޯލްޑިވްސް ކޫއްޑޫގައެވެ.

މި ޓީމުން މި ރިޒޯޓުތަކުގައި ލިބެން ހުންނަ ހިދުމަތްތައް ތަޖުރިބާކުރާނެއެވެ. މިއީ އެމްއެމްޕީއާރުސީއިން އިންތިޒާމްކޮށްގެން މި އަހަރު ކުރިއަށް ގެންދާ ފުރަތަމަ ފެމިލިއަރައިޒޭޝަން ޓްރިޕެވެ.

މި ދަތުރަށް ފަހު މިއިން ކޮންމެ މަޖައްލާއެއްގައި ރާއްޖެއާ ބެހޭގޮތުން އާޓިކަލްތައް ޝާއިޢުކުރާނެއެވެ. މި އާޓިކަލްތައް ޖަޕާނުގެ މަތީ ފަންތީގެ ފަތުރުވެރިންނާއި, ބަޖެޓް ފަތުރުވެރިންނާ ހަމައަށް ފޯރާނެކަމަށް ބެލެވެއެވެ. އަދި މީގެ ސަބަބުން މި މާކެޓުގައި ދަތުރުފަތުރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް، ރާއްޖެއިން ލިބެން ހުންނަ ތަފާތު ތަޖުރިބާތައް ޕްރޮމޯޓުކުރެވޭނެއެވެ.

މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފާވަނީ ވިޒިޓް މޯލްޑިވްސްއިން ޖަޕާނުގެ މާކެޓަށް ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުންނެވެ. މި ސްޓްރެޓަޖީއަކީ ރާއްޖެގެ ބްރޭންޑުގެ މައުލޫމަތު ޖަޕާންގެ ފަތުރުވެރިންނަށް ފޯރުކޮށްދީ، ފަތުރުވެރިކަމުގެ ތަފާތު ސެގްމެންޓުތައް ޖަޕާން މާކެޓަށް އިޝްތިހާރުކުރުމަށް ބައްޓަންކޮށްފައިވާ ސްޓްރެޓަޖީއެކެވެ. މި ޓްރިޕްގެ ސަބަބުން ޖަޕާން މާކެޓްގެ ފަތުރުވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކައް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފަހުގެ މައުލޫމަތާއި، ޓްރެވަލް ގައިޑްލައިންސްތަކުގެ މައުލޫމާތު ފޯރުކޮށްދެވޭނެއެވެ. މިގޮތުން ރާއްޖޭގެ ރިސޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑު ތަކުގެ މައުލޫމާތާއި، މިތަންތަނުގައި ފަތުރުވެރިންގެ ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތަކުގެ މައުލޫމާތުގެ އިތުރުން، ރާއްޖެއިން ފަތުރުވެރިންނަށް ލިބެން ހުންނަ ތަފާތު ތަޖުރިބާތައް އިޝްތިހާރުކުރެވޭނެއެވެ. މިފަދަ ހަރަކާތްތަކުގެ ޒަރިއްޔާއިން ރާއްޖޭގެ ރަށްތައް އުފެދިފައިވަނީ ވަކިވަކިން ކަމުން، މިއީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރެވޭނެއެވެ.

2019 ވަނަ އަހަރު ޖުމްލަ 44,251 ފަތުރުވެރިން ޖަޕާނުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރިއެވެ. ޖާޕާން މާކެޓްއަކީ 9 ވަނަ އަށް އެންމެ ގިނައިން2019 ގައި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މާކެޓްއެވެ. ކޮވިޑް-19 އާއި ގުޅިގެން ޖަޕާންގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު މިހާރު ހުޅުވާފައި ވީނަމަވެސް ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް ދަތުރުފަތުރު ކުރުމުގައި ގިނަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އޮމިކްރޯންގެ ސަބަބުން ކުރިން ދެވުނު ލުއިތައްވެސް އަލުން ވަނީ އަނބުރާ އިއާދަކޮށްފައެވެ. މިފިޔަވަޅުތަކުގެ ސަބަބުން ޖަޕާނުގައި ކޮވިޑް ކޭސްތައް މަދުކަން ވަނީ ފާހަގަކުރެވިފައެވެ. އެޤައުމުގައި ކޮންމެ ދުވަހަކު 150 ކޭސް ރިޕޯޓުކުރާއިރު، މިއީ ޖަޕާނުގެ ބޮޑު އާބާދީއާ ބަލާއިރު ވަރަށް މަދު އަދަދެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

އެހެންކަމުން, އެމްއެމްޕީއާރުސީ އިން ދަނީ މި މާކެޓްގައި ދިވެހިރާއްޖޭގެ ރީތި ނަން ދަމަހައްޓައި، މިއީ ޗުއްޓީ ހޭދަކުރަން ދަތުރުކުރުމަށް އެންމެ އިސްކަންދޭ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކުރަމުންނެވެ. މި މާކެޓްއަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި މީޑިޔާ އަދި ސެލެބްރިޓީ ފެމިލިއަރައިޒޭޝަން ޓްރިޕްތަކާއި، އަދި ސޯޝަލް މީޑިއާ ކެންޕޭންތައްހިމެނެއެވެ.

ރާއްޖެ ދުނިޔޭގެ ފެންވަރުގައި އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީ އިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލިއަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަލުން އާރާސްތުކުރުމަށް އެމްއެމްޕީއާރްސީ އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގާ ބައިވެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކުގެ އެއްބާރުލެއްވުމާ އެކު ކުރިޔަށް ގެންދެވުނު ޙަރަކާތްތަކުގެ ނަތީޖާއަކަށްވީ، ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު ދުވަހުން ދުވަހަށް ހަލުވިކަމާއެކު އިތުރުވެގެން ދިއުމެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2021ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން' ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޙާއްސަ އެވޯޑްތަކެއް ޙާސިލްކޮއްފައެވެ.

ކުރިޔަށް މިދާ އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޙުގާ ވަރަށް ޙާއްސަ އަހަރެކެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ޙާއްސަ ހަރަކާތްތައް މިދިޔަ އަހަރު ފަށައިގަތީ ކުލަގަދަ ހަރަކާތްތަަކަކާ އެކުގައެވެ. އެމްއެމްޕީއާރްސީގެ ފަރާތުން ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެތައް ހަރަކާތްތަކެއް ތާވަލް ކޮއްފައިވެއެވެ. މީގެ ތެރޭގައި، 2022ވަނަ އަހަރުގެ ފުރަތަމަ ކުއާރޓާގައި އެކަނިވެސް 60 އިން-ޕާރސަން ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި 11 ފެއަރ އާއި ރޯޑްޝޯތަކާއި އެހެނިހެން ހަރަކާތްތައް ފާހަގަކޮށްލެވެއެވެ.