ކޮވިޑުގައި އައްޑު ސިޓީގެ ހާލަތު އަނެްއކާ ވެސް ގޯސްވެއްޖެއެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އީއޯސީ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދު އަނެއްކާ ވެސް ވަނީ 159 އަށް އަރާފައެވެ. އަދި ދުވާލެއްގެ މައްޗަަށް 20 މީހުން ޕޮޒިޓިވް ވަމުން އަންނަކަމަށެވެ.

މީގެ އިތުރުން ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި އެ ސިޓީގެ އެކި އަވަށްތަކުގައި 200 އިން މައްޗަށް މީހުން އުޅޭ ކަމަށާއި އެއިން ކޮންމެ މީހެއްގެ ސާމްޕަލް ނަގަންޖެހޭ ކަމަށެވެ. އެހެންކަމުން މިއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ބުރަބޮޑު، އެހާމެ އުނދަގޫ ކަމެއް ކަމަށް ވެސް އީއޯސީން ބުނެފައިވެއެވެ.

އައްޑު ސިޓީގައި ކޮވިޑުގެ ހާލަތު ގޯސްވަމުންދާން ފެށުމާއެކު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރ ނިޒާރު ވިދާޅުވީ ހާލަތު މިހާރު އޮތް ގޮތުން އާއްމު އެއްވުންތައް ނުބޭއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އަދި މާސްކު އަޅައިގެން ނޫން ގޮތަކަށް ބޭރުގައި ނޫޅުމަށް ވެސް އިލްތިމާސް ކުރާ ކަމަށެވެ.

"އައްޑޫގައި މާބޮޑަށް ބަލި ފެތުރިގެން ގޮސްފިނަމަ ފަރުވާ ދިނުމާއި ހާލަތު ކޮންޓްރޯލް ކުރުމަށް އުނދަގޫތަކެއް ކުރިމަތިވާނެ. މާލެ ފިޔަވައި ވަސީލަތްތައް އެންމެ ރަނގަޅަށް ގާއިމުވެފައި މިވަގުތު ވެސް ހުރީ އައްޑޫގަ. އެކަމަކު ވެސް މާބޮޑަށް ބަލި ފެތުރި، ކޮންޓްރޯލުން ނެއްޓޭ ހިސާބަށް ގޮސްފިނަމަ ފަރުވާ ދިނުމާއި ހާލަތު ކޮންޓްރޯލް ކުރުމަށް އުނދަގޫ ވާނެ." މޭޔަރ ވިދާޅުވިއެވެ.

ސްކޫލް ބަންދަށް ފަހު އަންނަ އާދީއްތަ ދުވަހު އަލުން ސްކޫލްތައް ހުޅުވޭއިރު، ސްކޫލްތަކުގައި ކިޔެވުން ފިޔަވައި އިތުރު ހަރަކާތްތައް ހިންގުން މަދުކުރުމަށް ވެސް މޭޔަރ ވަނީ އިލްތިމާސްކުރައްވާފައެވެ.