ކޯވިޑް ރިލީފް ސަޕޯރޓްގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސްއިން އިތުރު ފައިނޭންސިންގެ އެއް މިއަދު ތައާރަފްކޮށްފިއެވެ.

3000 އަށްވުރެ މަދުން މުވައްޒަފުން ވަޒީފާއަދާ ކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިއަދު ތައާރަފްކުރެވުނު އީއައިބީ ލޯނުގެ ދަށުން ލޯނަށް އެދި ހުށަހެޅޭނެއެވެ. މިގޮތުން 15.42 މިލިއަން ރުފިޔާ އާ ހަމަޔަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ މިހާރު ލިބެންހުރި ލޯނުތަކަށްވުރެ ކުޑަ އިންޓަރެސްޓެއްގައި އަދި ލޯނު އަނބުރާދެއްކުމަށް މިހާރު ލޯނުތަކަށް ދެމުންދާ މުއްދަތަށް ވުރެ ދިގު މުއްދަތެއްވެސް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

މިއީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކްގެ(އީއައިބީ) ފަންޑުގެ ދަށުން ދޫކުރެވޭ ލޯނެކެވެ. ކޯވިޑްއާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ ނޭދެވޭ އަސަރާ ގުޅިގެން އީއައިބީއިން ވަނީ މިނިސްޓްރީ އޮފް ފިނޭންސްއާ ބޭންކް އޮފް މޯލްޑިވްސްއާއެކު މިދިޔަ ޖޫންމަހު 20 މިލިއަން ޔޫރޯގެ ލޯން އެގްރީމަންޓެއްގައި ސޮއިކޮށްފައެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ އީއައިބީގެ މިފަންޑުގެ ދަށުން ފަތުރުވެރިކަމުގެ ސިނާއަތާއި އަދި އެ ސިނާއަތާ ގުޅުންހުރި އެހެނިހެން ސިނާއަތްތަކުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ކޮވިޑް އާ ގުޅިގެން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ ފައިނޭންސް ލިބިގެންދާނެކަމަށެވެ.

މިނިސްޓަރ އޮފް ފައިނޭންސް އިބްރާހިމް އަމީރު ވަނީ އީއައިބީ އިން ދެއްވާ އެހީތެރިކަމަށްޓަކައި ސަރުކާރާއި ދިވެހި ރައްޔިޔުންގެ ނަމުގައި އެފަރާތަށް ޝުކުރު ދަންނަވާފައެވެ.