މާފުށީ ޖަލު އަނެއްކާ ވެސް ކުއްލި ހާލަތަށް ގެންނަން ނިންމައިފިއެވެ.

މިގޮތަށް ނިންމީ އެ ޖަލުގެ ގައިދީއިންނާއި އޮފިސަރުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމުންނެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނީ އެ ޖަލުގެ އޮފިސަރުންނާއި ގައިދީންގެ ގައިން ނެގި ސާމްޕަލްތަކުގެ ތެރެއިން 7 އޮފިސަރުންނާއި 14 ގައިދީން އިއްޔެ ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެއީ ބަލީގެ ޢަލާމާތްތައެް ހުރެގެން ސާމްޕަލް ނެގި މީހުން ކަމަށެވެ.

މި ހާލަތާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެ ސަރވިސްއިން ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން ފިޔަވަޅުތައް އަޅާ މިއަދު ހަވީރު 4 ން ފެށިގެން މާފުށީ ޖަލު ކުއްލި ހާލަތަށް ގެންނާނެ ކަމަށް ކަރެންޝަނަލް ސަރވިސް އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކަރެންޝަންސް އިން ބުނީ މާފުށީ ޖަލު އާންމު ހާލަތަށް ގެނެވެންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދު މީހުންނަށް އާއިލީ ބައްދަލުވުމާއި ވަކީލު ބައްދަލުވުން އަދި ކޯޓުގެ އަޑުއެހުންތައް ކުރިއަށްގެންދާނީ އޮންލައިންކޮށް ކަމަށެވެ.

މާފުށި ޖަލު އަނެއްކާ ވެސް ކުއްލި ހާލަތަށް ގެންނަން ނިންމާފައިވާ އިރު، މިދިޔަ މަހުގެ ތެރޭގައި ވެސް 9 ގައިދީއަކާއި އޮފިސަރެއް މާފުށި ޖަލުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ޖަލުތަކުގައި ހާލަތު ގޯސްވެ، ގިނަ އަދަދެއްގެ ގައިދީންނާއި އޮފިސަރުން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ.

އެގޮތުން އެފަހަރު 522 މީހުން ޕޮޒިޓިވްވެ، 17 ހައިރިސްކް ގައިދީން ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރަން ޖެހުނެވެ.