މާލޭގެ ސުކޫލުތައް ދެވަނަ ޓަރމަށް ހުޅުވާއިރު ކިޔަވައިދޭ ދަންފަޅި ކުރު ކުރާނޭކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދާޅުވެއްޖެއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެންމެ ނެރުނު ނޫސްބަޔާނުގައިވަނީ ސްކޫލުތަކުގައި އަޅާފައިވާ ރައްކަތެރިކަމުގެ މިންގަނޑުތައް އިތުރަށް ވަރުގަދަކޮށް ގައިދުރުކުރުން ހުރިހާ ހަރަކާތްތަކެއްގައިވެސް ދެމެހެއްޓޭނެ ކަމަށެވެ. މިގޮތުން ދަރިވަރުން ކުލާސްރޫމުގައި ތިބޭ އިރު 3 ފޫޓު ދުރުމިން ބެހެއްޓުމާއި ހުރިހާ ގަޑިއެއްގައިވެސް މާސްކު އަޅަން ޖެހޭކަމަށް މި ބަޔާނުގައި ވެއެވެ. އަދި ގްރޭޑް 1 އިން 8 އަށް ދަރިވަރުން ފުރަތަމަ ހަފުތާގައި މަދުވެގެން 2 ދުވަހު ސުކޫލަށް ހާޒިރުވާ ގޮތަށް ޓައިމްޓޭބަލް ރޭވޭނެ ކަމަށްވެސް ވެއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނޫސްބަޔާނުގައި އިތުރަށް ވިދާޅުވެފައިވާ ވަނީ ވަކިވަކި ސްކޫލުތަކުން އެ ސްކޫލެއްގެ ކަންތައްތައް އިންތިޒާމު ކުރެވިގެންދާގޮތް ބެލެނިވެރިންނާއި ހިއްސާ ކުރައްވާނެކަމަށެވެ.

މި އަހަރުގެ ދެވަނަޓާމުގެ ކިޔެވުން ފެށޭނީ މި ފެށޭހަފުތާގެ އާދީއްތަ ދުވަހުއެވެ.