ހޮންގްކޮންގެ ޕާލަމެންޓްގައި ހިމެނޭ ޑިމޮކްރަސީއަށް ތާއީދުކުރާ އިދިކޮޅު ހުރިހާ މެމްބަރުން އެއްފަހަރާ އިސްތިއުފާ ދެއްވައިފިއެވެ.

އިދިކޮޅު ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވާފައިވަނީ، ޕާލަމެންޓްގައި ހިމެނޭ އިދިކޮޅު 4 މެމްބަރެއްގެ މެމްބަރު ކަމުގެ ޝަރުތު ފުރިހަމަ ނުވާކަމަށް ކަނޑައަޅައި، އެ 4 މެމްބަރުން މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.

ހޮންގްކޮންގެ ސަރުކާރަށް މިކަންކުރަން މަގުފަހިވެގެންދިޔައީ، ކޯޓާ ހަމައަށް ނުގެންގޮސްވެސް، ހޮންގްކޮންގ ޕާލަމެންޓް މެމްބަރުން މަގާމުން ދުރުކުރެވޭނެ ކަމަށް ޗައިނާގެ ގާނޫނުހަދާ އެންމެމަތީ މަޖިލީހުން އެކަށައަޅައި ފާސްކުރި ގަރާރަކާ ގުޅިގެންނެވެ.

މި ގަރާރުން ބާރުލިބިގެން، 4 މެމްބަރެއްގެ މަގާމުގެ ޝަރުތު ފުރިހަމަ ނުވާކަމަށް ކަނޑައެޅީ ޕާލަމެންޓުންނެވެ.

ޗައިނާ ސަރުކާރުން މިފަދަ ގަރާރެއް މިފާސްކުރީ، ހޮންގްކޮންގެ މައްޗަށް އޮންނަ ކޮންޓްރޯލް އިތުރަށް ވަރުގަދަ ކުރުމުގެ ބޭނުމުގައެވެ.

ގަރާރުގައި ކަނޑައަޅާފައިވަނީ، ހޮންގްކޮންގ މިނިވަން ދައުލަތަކަށް ހެދުމަށް ތާއީދުކޮށް އެކަމަށް މަސައްކަތްކުރާ ޕާލަމެންޓް މެމްބަރުންނާއި އަދި ހޮންގްކޮންގަކީ ޗައިނާގެ ބައެއްކަމަށް ގަބޫލުކުރަން ދެކޮޅުހަދާ ކޮންމެ މެމްބަރެއްގެ މެމްބަރުކަމުގެ ޝަރުތު ވަގުތުން ގެއްލޭނޭ ކަމަށެވެ.

މި އުސޫލުތަކަށް ފައްތައި، އިދިކޮޅު 4 މެމްބަރެއްގެ ޝަރުތު ގެއްލިއްޖެކަމަށް ކަނޑައެޅުމުން، އެ މެމްބަރުންނާ އެއްބައިވަންތަކަން އޮތްކަން ހާމަކުރުމުގެ ގޮތުން، ޕާލަމެންޓުގައި ހިމެނޭ ޑިމޮކްރަސީއަށް ތާއީދުކުރާ އިތުރު 15 މެމްބަރުން އެއްފަހަރާ ވަނީ އިސްތިއުފާ ދެއްވާފައެވެ.

އެ މެމްބަރުން ބޭއްވި ގުޅިފައިވާ ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވީ، ހޮންގްކޮންގައި ވެރިކަން ކުރުމަށް އޮންނަ "އެއްގައުމެއް-ދެނިޒާމު" މިހާރު މަރުވީ ކަމަށެވެ.

މަގާމުން ވަކިކުރި ޕާލަމެންޓް މެމްބަރަކު ވިދާޅުވީ، ހޮންގްކޮންގެ ވެރިޔާ ކެރީ ލާމް މިހާރު މަސައްކަތް ކުރައްވަނީ، ހޮންގްކޮންގެ ގާނޫނުހަދާ މަޖިލީހަކީ "އެއްޕާޓީގެ ނިޒާމަކަށް" ހައްދަވަން ކަމަށެވެ.

ހޮންގްކޮންގެ ޕާލަމެންޓްގައި މިހާރުވެސް އަޣުލަބިއްޔަތު އޮންނަނީ ޗައިނާއަށް ތާއީދުކުރާ މެމްބަރުންގެއެވެ. އެއީ، ޕާލަމެންޓްގެ ދެބައިކުޅަ އެއްބައި މެމްބަރުން ރައްޔިތުން އިންތިޚާބު ކުރާއިރު، އަނެއްބައި މެމްބަރުންނަކީ ޗައިނާއިން އައްޔަންކުރާ މެމްބަރުންނަސް ވުމުންނެވެ.