ވާދަވެރި ޗެލްސީގެ މައްޗަށް މިރޭ 0-1 އިން ކުރި ހޯދައި ތާވަލުގެ ކުރީގައި 13 ޕޮއިންޓުގެ ލީޑެއް ލިބުނަސް، ތަށި ލިބިއްޖެކަން ކަށަވަރު ކުރަން އަދި މާއަވަސް ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ މިރޭ ބުނެފިއެވެ.
މެންޗެސްޓަރ ސިޓީއިން ތާވަލުގެ ކުރީގައި 13 ޕޮއިންޓުގެ ލީޑެއް ނެގީ، ޗެލްސީގެ އޭރިޔާގެ ބޭރުން ކެޕްޓަން ކެވިން ޑިބްރޭނާ ހަތްދިހަ ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިން ހިތްގައިމު ލަނޑުންނެވެ. ޑިބްރޭނާ ގޯލަށް ބޯޅަ ފޮނުވާލުމުގެ ކުރިން އޭނާ ހުއްޓުވުމަށް ޗެލްސީގެ ތަޖުރިބާކާރު ޑިފެންސިވް މިޑްފީލްޑަރު އެންގްލޯ ކަންޓޭ ޓެކްލްއެއްވެސް ޖެހިއެވެ. އެކަމަކު ޓެކްލްއިން ރެކިގަނެ، ދެން އޭނާ ހުއްޓުވަން މަސައްކަތް ކުރި މިޑްފީލްޑަރު ކޮވަސިޗާއި ދެޑިފެންޑަރުން ކަމުގައިވާ ތިއާގޯ ސިލްވާ އާއި ރުޑިގާއަށް އެއްވެސް ފުރުސަތެއް ނުދީ ޑިބްރޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.
"ތޭރަ ޕޮއިންޓުގެ ލީޑެއް ޖެނުއަރީމަހު ލިބުމަކީ ތަށި ޔަގީން ކުރެވޭނެ ކަމެއް ނޫން. ކުރިއަށް ހުރީ މުހިއްމު މެޗުތަކެއް. ކޮންމެ މެޗަކަށްވެސް އަހެރެމެން ނިކުންނާނީ ތިން ޕޮއިންޓް ހޯދުމަށް" ގަޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ވަނީ ޗެލްސީ އަތުން ލިބުނު މޮޅު "ބޮޑު މޮޅެއް" ގެ ގޮތުގައިވެސް ސިފަކޮށްފައެވެ. "ހަނދާން ނައްތާލައިގެން ނުވާނެ އަހެރެމެން މިކުޅުނީ ކޮން ޓީމަކާ ދެކޮޅަށްކަން. ޗެލްސީއަކީ ޔޫރަޕުގެ ޗެމްޕިއަން. ޓަޗްލައިން ކައިރިން ފެންނާނެ ޗެލްސީއަކީ ކިހާ ފެންވަރު ޓީމެއްކަން. ޗެލްސީން ސަމާލުވެގެން ތިބީ ރަނގަޅަށް ޑިފެންސް ކުރުމަށްފަހު ކުޅުމުގެ ޓްރާންސިޝަން ބަދަލުވާ ވަގުތު އަހަރެމެންނަށް ލަނޑުދޭން" ގާޑިއޯލާ ބުންޏެވެ.
މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގް ފައިނަލުގައި މެން.ސިޓީގެ މައްޗަށް 1-0 އިން ޗެލްސީން ކުރި ހޯދިނަމަވެސް އިނގިރޭސި ޕްރިމިއަރ ލީގުގައި މިދެޓީމު މިސީޒަނުގައި ބައްދަލު ކުރި ފުރަތަމަ މެޗް ޗެލްސީގެ ދަނޑުގައި މެން.ސިޓީން ވަނީ 1-0 އިން ކާމިޔާބު ކޮށްފައެވެ. މިސީޒަނުގައި ލީގުގައި މިދެޓީމު ބައްދަލު ކުރި ދެމެޗަށް ބަލާއިރު ޗެލްސީއަށް މެން.ސިޓީގެ ގޯލާ އަމާޒު ކުރެވިފައި ވަނީ އެންމެ ހަމަލާއެކެވެ.
" 180 މިނެޓް ކުޅުނުއިރު އެންމެ ހަމަލާއެއް ނޫނީ ޗެލްސީއަށް ގޯލަށް އަމާޒު ކުރެވިފައެއް ނެތް. މިއީ ވަރަށް ބޮޑު ކާމިޔާބެއް. މިމެޗުގައިވެސް އެންމެ ފުރަތަމަ މިނެޓުން ފެށިގެން ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ މެޗުން މޮޅުވުމުގެ ރޫހު. ހައްގު މޮޅެއް ލިބުނީ" ގާޑިއޯލާ ބުންޏެވެ.
މެން.ސިޓީ ތާވަލުގެ ކުރީގައި އޮތީ މިހާތަނަށް ކުޅުނު 22 މެޗުން 56 ޕޮއިންޓް ހޯދައިގެންނެވެ. ފައިދާ ގޯލުގެ ގޮތުގައި 41 ލަނޑު އެބައޮތެވެ. މެން.ސިޓީއާ އެއްއަދަދަކަށް މެޗް ކުޅެގެން ދެވަނައިގައި ޗެލްސީ އޮތީ 43 ޕޮއިންޓާއެކުއެވެ. ޗެލްސީއަށް ފައިދާ އޮތީ 28 ލަނޑެވެ. ތާވަލުގެ ތިންވަނައިގައި އޮތީ 20 މެޗުން 42 ޕޮއިންޓް ހޯދާފައިވާ ލިވަޕޫލްއެވެ. ހަތަރުވަނައިގައި ވެސްޓްހޭމް ޔުނައިޓެޑް އޮތީ 21 މެޗުން 37 ޕޮއިންޓް ހޯދައިގެންނެވެ.