ކޮވިޑާއި ގުޅިގެން ބަންދުކުރި ކެނެރީފް ރިސޯޓު އަލުން ހުޅުވައިފިއެވެ.

ކޮވިޑުގެ ސަބަބުން މާލީ ހާލަތު ދަށްވެ، 2020 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެ ރިސޯޓު ބަންދުކުރުމަށް ފަހު އަލުން ހުޅުވާފައި މިވަނީ ގާތްގަޑަކަށް ދެ އަހަރެއްހައި ދުވަސް ފަހުންނެވެ.

އައްޑޫސިޓިގެ ހުޅުމީދޫ ކައިރީގައި އޮންނަ ކެނެރީފް ރިސޯޓުން ބުނީ މިފަހަރު ހުޅުވީ އެރައިވެލް ޖެޓީ އާއި ރިސެޕްޝަންގެ އިރުމައްޗަށްވާ ގޮތަށް ހުންނަ 142 ކޮޓަރި ކަމަށެވެ.

އެ ރިސޯޓުގައި ޖުމްލަ 271 ކޮޓަރި ހުންނަ އިރު، ހުޅުވިއިރު ހުރި 142 ކޮޓަރީގެ ތެރެއިން 140 ކޮޓަރި، ރިސޯޓް ލައިފުން ބުކްކޮށްފައިވާ ކަމަށް ވެސް ކެނެރީފް ރިސޯޓުން ބުނެއެވެ.

ރިސޯޓް އަލުން ހުޅުވުމަށްޓަކައި ސަރުކާރާއި އައްޑޫ ސިޓީ ކައުންސިލްގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށް ކެނަރީފުން ފާހަގަކޮށްފައިވާ އިރު، އަލުން އޮޕަރޭޝަނަށް ގެނައުމަށް ރިސޯޓް ލައިފުން ދިން އެހީތެރިކަމަށް ވެސް ވަނީ ޝުކުރުއަދާކޮށްފައެވެ.

ކޮވިޑާ ހެދި ގިނަ ދުވަސްތަކެއް ވަންދެން ރިސޯޓު ބަންދު ކުރުމާ ގުޅިގެން އެތަނުގައި ވަޒީފާ އަދާ ކުރަމުން ދިޔަ އައްޑޫގެ ގިނަ ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ.

ކޮވިޑުގެ ހާލަތާއި ގުޅިގެން ހެރެތެރެ ރިސޯޓާއި ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ އަދިވެސް ނުހުޅުވައެވެ.