ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލުގެ ދައުވަތަކަށް، ބަންގްލަދޭޝްގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް އެމް. ޝަހީން އިޤްބާލް، ރާއްޖެ ވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި ބަންގްލަދޭޝްގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް އެމް. ޝަހީން އިޤްބާލް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލުގެ އަރިހަށް މިއަދު ވަނީ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.

މި މަހުގެ 18 ގެ ނިޔަލަށް ބަންގްލަދޭޝްގެ ޗީފް އޮފް ނޭވަލް ސްޓާފް، އެޑްމިރަލް އެމް. ޝަހީން އިޤްބާލް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން ބަންޑާރަކޮށްޓަށް މިއަދު ވަޑައިގެން، އެމްއެންޑީއެފްގެ ސީނިއަރ ލީޑަރޝިޕާ ބައްދަލުކުރައްވައި، ދިފާޢީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ މަޝްވަރާތައް ބާއްވާފައިވެއެވެ.

މި ބައްދަލުވުމުގައި، ދިވެހި ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް ބަންގްލަދޭޝްއިން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، ޗީފް އޮފް ޑިފެންސް ފޯސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި، ދެ ޤައުމުގެ ދިފާޢީ އަދި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ދާއިރާއިން އިތުރަށް ގުޅުން ހަރުދަނާކުރެއްވުމާ ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވެއެވެ.