ލޮނުޒިޔާރަތްކޮޅުގައި ތަރައްޤީކޮށްފައިވާ ޕާކު މިއަދު ރަސްމީކޮށްހުޅުވައިފިއެވެ.
އެކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ލޮނުޒިޔާރާތް ޕާކު ރަސްމީކޮށް ހުޅުއްވައިދެއްވީ ދަޢުލަތަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާޙިރެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފަައިޞަލް ނަސީމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ދަޢުލަތުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގަތެވެ.
ލޮނުޒިޔާރާތް ޕާކު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ، 2.5 މި ސަރަހައްދު ހިތްފަސޭހަ ބަގީޗާއެއްގެގޮތުގައި ތަރައްޤީކުރުމަށް ޖުމްލަ 16.8 މިލިއަން ރުފިޔާ ދަޢުލަތުން ޚަރަދުކޮށްފައިވާކަމަށެވެ.
"މި ޕާކުގެ ސަބަބުން މާލޭ ސީޓީގެ ކައުންސިލަށްވެސް އެތައް ތަޖުރިބާއެއް ލިބި، މިފަދަ ކަންކަން ކުރުމުގެ ޤާބިލުކަން އިތުރުވެއްޖެ. ހިތްފަސޭހަ މާހައުލަކަށް ހެދުމަށް ކުރާ މަސައްކަތް ދެކުނަ އިތުރުކުރާނަން. ޕާކުތަކުގައި ގަސް އިންދުމާއި، މުޅި މާލެ ވަށާ ގަސް އިންދުމުގެ މަސައްކަތްވެސް ކުރިއަށްއޮތްތާ އަޅުގަނޑުމެން ކުރާނަން" މޭޔަރ ސިފާ ވިދާޅުވިއެވެ.
ސިޓީ ކައުންސިލުން ބުނީ، ޕާކް ގައި ހިމެނޭ ''މާމެލާ މެލި'' ހާއްސަ ކުރެވިފައިވަނީ ކައިވެނި ޕާޓީތަކުގެ އިތުރުން އެކި ކަހަލަ ހަފްލާތަކަށް ކަމަށެވެ.
މި ރަސްމިއްޔާތުގައި ލޮނުޒިޔާރާތް ޕާކު ހެދުމުގެ މަސައްކަތް ކުރިއަށްދިޔަގޮތާއި ބެހޭގޮތުން ވާހަކަދައްކަވަމުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާޢު ޝާރީފް ވިދާޅުވީ، ވިދާޅުވީ، މި ޕާކުގައި ރާއްޖޭގައި މިހާރު ނެތެމުންދާ ވަރަށް ގިނަ ބާވަތްތަކުގެ ގަސްތަކާއި މާމެލާމެލި އިންދާފައިވާނެކަމަށެވެ.
"މިތަނުގައި ހުންނާނެ ރާއްޖޭގައި ނެތެމުންދާ ވަރަށް ގިނަ ބާވަތުގެ ގަސްގަހުގެ ކުރި ކަނޑައިގެން ގެނެސް އިންދާފައި. މިތަން ވެގެންދާނެ ރާއްޖޭގައި މިވަގުތު އެންމެ ގިނަ ބާވަތްތަކުގެ ގަސް އެއްތަނަކުން ފެންނަން ހުންނާނެ ތަނަކަށް. ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފެންނަން ހުންނަ މާމެލާމެލި މިތަނުގައި ހުންނާނެ" ޑެޕިއުޓީ މޭޔަރ ޝަމާޢު ވިދާޅުވިއެވެ.
ލޮނުޒިޔާރަތް ޕާކަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅުގެ ތެރެއިން ވައުދެކެވެ. "ލޮނުޒިޔާރަތް ޕާކް" އަކީ ގިނަ އަދަދެއްގެ ގަސްތައް އިންދައިގެން ތަރައްގީ ކޮށްފައިވާ ރާއްޖޭގައި މިވަގުތު ހުރި އެންމެ ބޮޑު ބަގީޗާއެވެ.