ރާއްޖޭގައި ފުރަތަމަފަހަރަށް ސެޓެލައިޓް ސުކޫލު ތަކުގައި ކިޔަވައިދޭން ފަށައިފިއެވެ. އެތައް އަހަރަކަށްފަހު މިއަދު ބ. ފެހެންދޫ އާއި ވ. ތިނަދޫ ސުކޫލުގައި ކިޔަވައިދޭން ފެށީ ސެޓެލައިޓް ސްކޫލުގެ ގޮތުގައެވެ.

ބ. ފެހެންދޫ ސުކޫލުގެ ދަރިވަރުން ފާއިތުވެ ދިޔަ 14 އަހަރު ކިޔެވީ ގޮއިދޫ ސުކޫލުގައެވެ. ސެޓެލައިޓް ސުކޫލު ކިޔަވައިދޭން ފެށުމުން ކޮންމެ ދުވަހަކު ދަތުރު ކޮށްފައި ގޮއިދޫ ސްކޫލަށް ދިއުމަށް ނިމުމެއް އައީ އެވެ. ގޮއިދޫ ސުކޫލުގައި ކިޔަވަމުން ދިޔަ ފެހެންދޫގެ 27 ދަރިވަރުންނާއި ބެލެނިވެރިން ތިބީ ވަރަށް އުފަލުންނެވެ. އަމިއްލަ ރަށުގައި ތިބެ ކިޔެވޭނެ ފުރުޞަރު ލިބުމުންނެވެ.

ގޮއިދޫ ސުކޫލުގެ ބެލެނިވެރިޔަކު ބުނީ ކޮންމެ ދުވަހަކު ޑިނގީ ނުވަތަ ކުދި ލޯންޗް ގައި ގޮއިދުއަށް ދަރިން ގެންދިއުމަކީ ވަރަށް ބޮޑު ތަކުލީފެކެވެ. މި އަދު އަމިއްލަ ރަށުގެ ސުކޫލުގައި ކިޔަވަން ފެށުމުން ވަރަށް އުފާވެއްޖެއެވެ. އަދި ކުދިންވެސް ތިބީ ވަރަށް އުފަލުންނެވެ. ކުޅިވަރާއި އެހެނހެނިހެން ޙަރކާތްތަކުގައި ބައިވެރިވެ އުޅުމުގެ ފުރުޞަތު ބޮޑުވާނީ އަމިއްލަ ރަށުގައި ސުކޫލެއް ހުރުމުން ކަމަށް އެ ބެލެނިވެރިޔާ ބުންޏެވެ.

ވ. ތިނަދޫ އާއި ބ. ފެހެންދޫ އަދި ވ. ރަކީދޫ ސުކޫލު ބަންދުކޮށް ފައިވަނީ ކިޔަވާ ދަރިވަރުން މަދުވުމުންނެވެ. އަދި އާބާދީ މަދު މި ރަށްރަށުން ޓީޗަރުން ހޯދުންވެސް ދަތި ވުމުން ކަމުގައި އެޑިޔުކޭޝަން މިނިސްޓްރީ އިން ބުނުއްވިއެވެ. އަދި މި ސުކޫލުތަކުގައި ކިޔަވަމުން ދިޔަ މަދު ދަރިވަރުންނަށް އެހެން ސުކޫލުތަކުން ކިޔަވައިދިނުމުގެ ފުރުޞަތު ހޯއްދަވައި ދެއްވިއެވެ. ވ. ރަކީދޫގައި ގާއިމު ކުރާ ސެޓަލައިޓް ސުކޫލު އަދި ނުނިމޭތީ މިއަދު އެ ސުކޫލުގައި ކިޔަވައިދޭކަށް ނުފެށެއެވެ.

ސެޓެލައިޓު ސުކޫލުތަކުގައި ކިޔަވާނީ އޮން ލައިން ކޮށެވެ. މި ސުކޫލުތަކަށް ކިޔަވައިދިނުމަށްޓަކައި ހަބެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ހުޅުމާލެ ހުރަވީ ސުކޫލެވެ. ވަޞީލަތް ތަކާއެކު ކޮންމެ ގްރޭޑަކަށް ކިޔަވައި ދެއްވާނެ ޓީޗަރުން ތިއްބަވަނީ ހުރަވީ ސުކޫލުގެ މި ހަބުގައެވެ. މީގެ އިތުރަށް ސެޓެލައިޓް ސުކޫލުތަކުގައިވެސް ކުދިންނަށް އެހީތެރިވެދޭނެ ޓީޗަރުން ތިއްބަވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީއިން ބުނުއްވިއެވެ.