ސްވިޓްޒަލޭންޑްގެ ޒިޔުރިކުުގައި މިހާރު ކުރިއަށްދާ "ފީފާ ބެސްޓް 2021" އެވޯޑް ހަފްލާގައި، ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް، ޖަރުމަނުގެ ބަޔާން މިޔުނިކަށް ކުޅެމުން އަންނަ ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޮސްކީއަށް ލިބިއްޖެއެވެ.

ފީފާއިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް، ލެވަންޑޮސްކީ ހޯދީ، މިއަހަރު ބެލަންޑިއޯ އެވޯޑް ހާސިލް ކުރި އާޖެންޓީނާ އާއި ޕީއެސްޖީގެ މަޝްހޫރު ތަރި ލިއޮނަލް މެސީ އާއި މިސްރާއި ލިވަޕޫލްގެ ނުރައްކާތެރި ފޯވާޑް މުހައްމަދު ސަލާހް ފަހަތަށް ޖައްސާލުމަށްފަހުއެވެ.

މިއީ ލެވަންޑޮސްކީ ފީފާގެ މޮޅު ކުޅުންތެރިޔާގެ މަގާމް ޖެހިޖެހިގެން ހޯދި ދެވަނަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.

ފީފާއިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ބާސެލޯނާ އާއި ސްޕެއިން އަންހެން ގައުމީ ޓީމުގެ މިޑްފީލްޑަރު އެލެކްޒިއާ ޕުޓެލަސްއެވެ.

ފީފާއިން ހޮވި މިދިޔަ އަހަރުގެ އަންހެން އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އެލެކްޒިއާ ޕުޓެލަސް. ފޮޓޯ: ޔޫރޯ ސްޕޯޓް

ފީފާއިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން ކޯޗަކަށް ހޮވުނީ ޗެލްސީއަށް މިދިޔަ އަހަރު ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްދިން ކޯޗް ޖަރުމަނުގެ ތޯމަސް ޓުޗެލްއެވެ. އެންމެ މޮޅު އަންހެން ކޯޗަކަށް ހޮވުނީ ޗެލްސީގެ އަންހެން ޓީމުގެ ކޯޗް އެމާ ހޭޔްސްއެވެ.

މިރޭގެ އެވޯޑް ހަފްލާގައި އެންމެ ބޮޑު އުފާވެރިކަމެއް ލިބުނީ، މިދިޔަ އަހަރުގެ ބެލަންޑިއޯ އެވޯޑަށް ނޮމިނޭޓް ނުވުމުން ބޮޑު ހިތާމައެއްގައި ހުރި ޗެލްސީ އާއި ސެނަގާލް ގައުމީ ޓީމުގެ ކީޕަރު އެޑްއާޑް މެންޑީއަށެވެ. ޗެލްސީއިން މިދިޔަ އަހަރު ޗެމްޕިއަންސް ލީގާއި ޔުއެފާ ސްޕަރ ކަޕް ކާމިޔާބު ކުރިއިރު ގިނަބައެއްގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތް މެންޑީ ވަނީ ފީފާއިން މިރޭ ހޮވި އެންމެ މޮޅު ކީޕަރުގެ މަގާމް ހޯދާފައެވެ.