ރާއްޖޭގެ ސަރަހަހައްދުގައި އިރުވައި މޫސުމުގެ އޮއިވަރު ގަދަވަމުންދާކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ފަހަގަކުރައްވާތީއާއި ކަނޑުމަތީގެ ނުރައްކާތެރި ހާދިސާގެ ރިޕޯޓްތައް ކޯސްޓްގާޑަށް ލިބެމުންދާތީ މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކޮށްފިއެވެ.
އެމްއެންޑީއެފް އިން ބުނީ ޑައިވަރުންނާއި ސްނޯކްލިންގް އަށް ދާ ފަރާތްތައް އޮޔާގޮސްގެން ނުފެންނަކަމުގެ ރިޕޯޓުތައް ކޯސްޓްގާޑަށް ލިބެމުންދާކަމަށެވެ.
އެހެންކަމުން ޚާއްޞަ ގޮތެއްގައި މޫދުކުޅިވަރުތައް އިންތިޒާމުކުރާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރާކަމަށެވެ. އަދި މޫދުކުޅިވަރު ކުޅުވާ ފަރާތްތަކުން ލައިފްޖެކްޓް އެޅުވުމަށާއި ލައިފް ގާޑް އަދި ލައިފް ބޯޓް ފަދަ އުޅަނދުތައް މީހުނަށް ފަސޭހައިން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް މި އިލްތިމާސުގައި ވެއެވެ.
މީގެ އިތުރަށް މިފަދަ ކަންކަމުގައި ސަލާމަތީގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމާއި ހެދިފައިވާ ގަވާއިދުތަކަށް އަމަލުކުރުމަކީ ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް މަދުކުރެވޭނެ ކަމެއްކަމުގައި އެމްއެންޑިއެފް އިން ހާމަކުރިއެވެ.
މިފަދަ ކަންކަމަކީ ހުރިހާއެންމެންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅިފައިވާކަންކަމަށްވާތީ، މި ކަމަށް ހުރިހާއެންމެން އެއްބާރުލުން ދިނުމަށް މާލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން އިލްތިމާސްކުރެއެވެ.