ސ.މަރަދޫގައި މިސްކިތެއް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ބީއޭޕީސީ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެކު އިސްލާމިކް މިނިސްޓްރީން ސޮއިކޮށްފިއެވެ.

އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ. އެކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޢަބްދުﷲ އެވެ.

320 ދުވަސްތެރޭގައި ޢިމާރާތްކުރާގޮތަށް ހަމަޖެހިފައިވާ މި މިސްކިތުގެ ޢަމަލީ މަސައްކަތް ފެށުމަށް ލަފާކުރާ ތާރީޚަކީ 17 ފެބްރުއަރީ 2022 ވަނަ ދުވަހުއެވެ. ދިވެހި ދައުލަތުން 12.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

އަންހެނުންނަށް ވެސް ނަމާދުކުރެވޭނެ އިންތިޒާމް ކުރާގޮތަށް ހަމަޖެހިފައިވާ މި މިސްކިތް ޢިމާރާތް ކުރަން ނިންމީ މިވަގުތު މަރަދޫގައި ހުރި މިސްކިތްތަކުގެ ޖާގަ ކުޑަވެފައިވާތީ، އާ މިސްކިތަކަށް ބޭނުން ޖެހިފައި ވުމުގެ ސަބަބުންނެވެ.

2021 ވަނަ އަހަރު ތައްޔާރުކުރި ޑިޒައިނަކަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މި މިސްކިތުގެ މަސައްކަތްތައް ނިމޭއިރު އިއާދަކުރަނިވި ޙަކަތަ ބޭނުންކޮށްގެން މިސްކިތް އޭސީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މިސްކިތުގައި ފާޚާނާ، ވުޟޫކުރާބައި ގުދަން އަދި މުންނާރެއް ހުންނާނެއެވެ.