އިއާދަކުރަނިވި ހަކަތައިގެ ބޮޑު މަޝްރޫއެއް އައްޑޫސިޓީގައި ފެށުމަށް ފެނަކައިން ތައްޔާރުވެއްޖެއެވެ.

އެގޮތުން މިއަދު ފެނަކައިން ވަނީ، އައްޑޫސިޓީ ސޯލާ ޕީވީ ޕަވަރ ޕާޗޭސް އެއްބަސްވުމުގައި، ކްލިއަރ ފިއުޗަރ ސިނަރޖީޒް ލިމިޓެޑާ އެކު ސޮއިކޮށްފައެވެ.

މިއީ މާލޭ ސަރަހައްދު ފިޔަވައި ރާއްޖޭގެ ސަރަހައްދެއްގައި ޕީޕީއޭ އެއްގެ ދަށުން މިހާތަނަށް ގާއިމްކުރެވޭ އެންމެ ބޮޑު އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢު ކަމަށް ވެސް ފެނަކައިން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން ސ.ހުޅުމީދޫގައި 2MWp ގެ ސޯލާރ ޕީވީ ބެޓްރީ ސްޓޯރޭޖް ސިސްޓަމާއި އެކު ހަރުކުރެވެނެއެވެ. އޭގެ އިތުރުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި 2.5MWp ސޯލަރ ޕީވީ ހަރުކުރެވޭނެ ކަމަށް ވެސް ފެނަކައިން ވިދާޅުވިއެވެ. އުންމީދަކީ ކުރިމަގުގައި ހުޅުމީދޫގައި އިންސްޓޯލްކުރެވޭ ސޯލާރ އިން އެ ރަށު ކައިރީގައިވާ ރިސޯޓްތަކަށް އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދިނުން ކަމަށް ވެސް ފެނަކައިން ވިދާޅުވިއެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ބޭނުންވާ ކަރަންޓު ގެ ( އެއަރޕޯޓްގެ ޔޫސޭޖް) , 100% އެ ތަނުގައި ގާއިމްކުރެވޭ 2.5MWp ސޯލާރ ނިޒާމުން އުފައްދާނެ ކަމަށް ވެސް ފެނަކައިން ވިދާޅުވިއެވެ. "ވީމާ، ގަން އިންޓަރނޭޝަނަލް އެއަރޕޯރޓަކީ އިއާދަކުރަނިވި ހަކަތައިން ކަރަންޓުދެވޭ ރާއްޖޭގެ ފުރަތަމަ ސޯލާރ ޕަވަރޑް އެއަރޕޯޓަށް ވެގެންދާނެ،" ފެނަކައިން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ސަބަބުން ކަރަންޓު އުފެއްދުމަށް ކުރާ ހޭދައިގެ ތެރެއިން އަހަރަކު ގާތްގަނޑަކަށް 2.1 މިލިޔަން ލިޓަރ ޑީސަލް އެންދުން މަދުކުރެވޭނެ އެވެ. އަދި، ޖައްވަށް ބޭރުވާ ވިހަ ގޭހުގެ ތެރެއިން އަހަރަކު 5,500 ޓަނު ކާރބަން ޑައި އޮކްސައިޑް މަދުކުރެވޭނެ ކަމަށް ވެސް ފެނަކައިން ވަނީ ވިދާޅުވެފައެވެ.