އެފްރިކާ ކަޕް އޮފް ނޭޝަންސްގައި މިރޭ އައިވަރީ ކޯސްޓް އަތުން 4-1 އިން ބަލިވެ، އެންމެފަހުގެ ޗެމްޕިއަން އަލްޖީރިއާ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓައިފިއެވެ.
ކެމަރޫންގެ ޑުއާލާ ސްޓޭޑިއަމްގައި ކުޅުނު މިމެޗުުގައި ފުރަތަމަ ލީޑް ނެގީވެސް އައިވަރީކޯސްޓުންނެވެ. މިލަނޑު މެޗުގެ 22 ވަނަ މިނެޓުގައި އައިވަރީކޯސްޓަށް ކާމިޔާބު ކޮށްދިނީ އިޓަލީގެ އޭސީމިލާނުގެ މިޑްފީލްޑަރު ފްރޭންކް ކެސީއެވެ. ފުރަތަމަ ހާފް ނިމެން ހައެއްކަ މިނެޓަށް ވެފައި ވަނިކޮށް އައިވަރީކޯސްްޓުގެ ލީޑް ފުޅާކޮށްދިނީ އިބްރާހިމް ސަންރޭއެވެ. މެންޗެސްޓަރ ސިޓީގެ މަޝްހޫރު ވިންގަރ ރިޔާދް މަހްރޭޒްގެ ކެޕްޓަންކަމުގެ ދަށުން ކުޅެމުން އަންނަ އަލްޖީރިޔާއިން ދެވަނަ ބުރުން ޖާގަ ހޯދުމަށް ކުރަމުންދިޔަ އުއްމީދުތަކަށް އިތުރު ހުރަސްތައް ކުރިމަތިވެގެންދިޔައީ ދެވަނަ ހާފް ފަށައިގެން 9 ވަނަ މިނެޓުގައި އާސެނަލްއަށް ކުޅެމުންދާ ވިންގަރ ނިކޮލަސް ޕެޕޭ އައިވަރީކޯސްޓަށް އިތުރު ލަނޑެއް ޖަހައި ދިނުމުންނެވެ.
ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް ބޮޑަށް މަަސައްކަތް ކުރަމުންދިޔަ އަލްޖީރިއާއަށް އުއްމީދެއް ލިބުނީ 73 ވަނަ މިނެޓުގައި ސުފްޔާން ބެންޑެބްކާ ކާމިޔާބު ކުރި ލަނޑުންނެވެ. ނަތީޖާ ހަމަހަމަ ކުރުމަށް އަލްޖީރިޔާއިން މަސައްކަތް ކުރަމުން ދަނިކޮށް މިސީޒަނުގައި ވަރަށް ރަނގަޅު ފޯމެއްގައި ހުރި އަޔަކްސްގެ ފޯވާޑް ސެބަސްޓިއަން ހެލާ، އައިވަރީ ކޯސްޓުގެ ހަތަރުވަނަ ލަނޑު ޖަހައި އަލްޖީރިއާ މުބާރާތުން ކަޓުވާލިއެވެ.
އަލްޖީރިއާ މުބާރާތުން ކެޓީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން ބަލިވެ އެއްމެޗުން އެއްވަރު ވެގެންނެވެ.
މިފަހަރުވެސް މުބާރާތް ކާމިޔާބު ކުރާނެކަމަށް ބެލެވުނު ގައުމު ތަކުގެ ތެރޭގައި ހިމެނުނު އަލްޖީއާރިއާ ގްރޫޕް ސްޓޭޖުން ކެޓުމަކީ މިފަހަރުގެ އެފްރިކާ ކަޕުގައި ނިކުތް ހައިރާން ކުރުވަނިވި ދެވަނަ ނަތީޖާއެވެ. އަނެއް ނަތީޖާއަކީ ދެވަނަ ބުރުން ޖާގަ ނުލިބި ގާނާ ކެޓުމެވެ.
މިހާރު ދެވަނަ ބުރުގެ ޖާގަތައް ކަށަވަރު ނުވަނީ ހަމައެކަނި ގްރޫޕް އެފްއިންނެވެ. މިގްރޫޕުގެ އެއްވަނައިގައި ހަތަރު ޕޮއިންޓާއެކު ގެމްބިއާ އޮތްއިރު ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިގެން މާލީ އޮތީ ދެވަނައިގައެވެ. އެފްރިކާ ފުޓްބޯޅައިގެ ގަދަ ބާރެއްކަމުގައިވާ ޓިއުނީޝިޔާ ތިންވަނައިގައި އޮތީ 3 ޕޮއިންޓާއެކުއެވެ. ގްރޫޕް ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ މައުރީޓާނިއާއެވެ.
މިގްރޫޕުގެ ފަހު ދެމެޗް މިރޭ ރާއްޖޭ ގަޑިން ދަންވަރު ބާރަ ޖަހާއިރު ފަށާނެއެވެ. ގެމްބިއާ އަތުން މޮޅުވެގެން ޓިއުނީޝިޔާއަށް ދެވަނަ ބުރުން ފުރުސަތު ހޯދުމުގެ އަމިއްލަ ބާރު އޮތްއިރު މައުރީޓާނިޔާ އަތުން ބަލިނުވެ ފަރުޖައްސައިފިނަ މާލީއަށްވެސް ދެވަނަ ބުރުން ޖާގަ ލިބޭނެއެވެ.