ސްޕެނިޝް ކޮޕާ ޑެލްރޭ ދެވަނަ ބުރުގައި ރަށުން ބޭރުގައި އެތުލެޓިކޯ ބިލްބާއޯ އަތުން 3-2 އިން ބަލިވެ ބާސެލޯނާ މުބާރާތުން ރޭ ކެޓިއިރު، އެޑިން ހަޒާޑް ކާމިޔާބު ކޮށްދިން ލަނޑުން 2-1 އިން އެލްޗޭ ބަލިކޮށް ރެއާލް މެޑްރިޑް ކުއާޓާފައިނަލުން ޖާގަ ހޯދައިފިއެވެ.
ރެއާލް މެޑްރިޑް ކުއާޓާފައިނަލުން ޖާގަ ހޯދީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއުރު ލަނޑެއް ނުޖެހި ދެޓީމު އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރުމަށް އިތުރަށް ކުޅުނު ފަނަރަނަ މިނެޓުގެ ދެހާފުގެ ތެރެއިން ދެވަނަ ހާފުގައި ކާމިޔާބު ކުރި ދެލަނޑުން އެލްޗޭގެ މައްޗަށް ފަހަތުން އަރައި ކުރި ހޯދައިގެންނެވެ.
ރެއާލް ސިއްސުވާލުމަށްފަހު އެލްޗޭއިން ލީޑް ނެގީ 103 ވަނަ މިނެޓުގައި ޑިފެންޑަރު ގޮންޒާލޯ ވާޑޫގެ ލަނޑުންނެވެ. އޭގެ މިނެޓެއް ކުރިން ރެއާލްގެ ތަޖުރިބާކާރު ޑިފެންޑަރު މާސެލޯނާއަށް ރަތްކާޑް ދައްކާ ދަނޑުން ވަނީ ފޮނުވާލާފައެވެ. އެއްކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދިޔަ ރެއާލްގެ ފުރަތަމަ ލަނޑު، 108 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސްޕެއިނުގެ މިޑްފީލްޑަރު އިސްކޯއެވެ. ރެއާލްއަށް ބަދަލުވިފަހުން އަނިޔާގެ ސަބަބުން އެދެވޭ ކުޅުމެއް ނުދެއްކިފައި ހަޒާޑް ރެއާލްއަށް ލީޑް ނަގައިދިނީ މެޗް ނިމެން ފަސްމިނެޓަށް ވެފައި ވަނިކޮށެވެ.
ސްޕެނިޝް ސްޕަރ ކަޕް ސެމީފައިނަލުގައި މިދިޔަ ހަފްތާގައި ރެއާލް އަތުން ބަލިވެފައިވާ ބާސެލޯނާ ރޭ އެތުލެޓިކޯ ބިލްބާއޯ އަތުން ބަލިވެ ކޮޕާ ޑެލްރޭއަށް އަލްވަދާއު ކިޔަން ޖެހުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު 2-2 އިން އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރުމަށް ކުޅުނު ފަނަރަ މިނެޓުގެ ދެހާފުގެ ތެރެއިން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބިލްބާއޯގެ ކެޕްޓަން އިކާ މުނިއެއިން ކާމިޔާބު ކުރި ލަނޑުން ބިލްބާއޯއިން ލީޑް ނެގުމުންނެވެ. މިމެޗުގައި ދެފަހަރަށް ބިލްބާއޯއިން ލީޑް ނަގާފައި ވަނިކޮށް ބާސާއިން އެއްވަރު ކުރިއެވެ. ބިލްބާއޯގެ ފުރަތަމަ ލަނޑު، މެޗުގެ ދެވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީވެސް މުނިއެއިންއެވެ. ބާސާއިން އެއްވަރު ކުރީ މެޗުގެ 20 ވަނަ މިނެޓުގައި މިހާރު ކުރިއަށްދާ ޓްރާންސްފާ މާކެޓުގައި އެކްލަބާ ގުޅުނު ސްޕެއިނުގެ ފޯވާޑް ފެރަން ޓޮރޭސްއެވެ. ދެވަނަ ފަހަރަށް ބިލްބާއޯއިން ލީޑް ނެގީ 86 ވަނަ މިނެޓުގައި އިނިގޯ މާޓިނޭޒްގެ ލަނޑުންނެވެ. ބަލިވާން ދަނިކޮށް މެޗުގެ އިތުރު ވަގުތުގައި ބާސާއިން ދެވަނަ ފަހަރަށް އެއްވަރު ކުރީ ނިމިދިޔަ ސީޒަނުގެ ޔޫރަޕުގެ ގޯލްޑަން ބޯއީ އެވޯޑް ހޯދި ސްޕެއިން ގައުމީ ޓީމުގެ މިޑްފީލްޑަރު ޕެޑްރީއެވެ.
މެޗުން ބަލިވުމުގެ އިތުރުން ބާސާއަށް ލިބުނު އިތުރު ހިތްދަތިކަމަކީ އުއްމީދީ ފޯވާޑް އަންސޫ ފާޓީއަށް އަނިޔާވެ ދަނޑުން ބާލަން ޖެހުމެވެ. އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ކުޅުމާ ދުރުގައި ހުރުމަށްފަހު ފިޓްވެގެން އައިސް އަންސޫ ކުޅެދިން ފުރަތަމަ މެޗަކީ މިދިޔަ ހަފްތާގައި ރެއާލްއާ ދެކޮޅަށް ކުޅުނު މެޗެވެ. އެމެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ އަންސޫ ލަނޑުވެސް ޖެހިއެވެ.
މެޗަށްފަހު ބާސާގެ ކޯޗް އަދި ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒް ބުނީ ކުރިއަށްދަނީ ބާސާ ހަމަމަގަށް އެޅުވުމުގެ މަސައްކަތް ކަމަށާއި ސަޕޯޓަރުން އިތުބާރު ކުރަން އެދޭ ކަމަށެވެ.