ދުނިޔޭގެ އެންމެ ދުވަސްވީ ފުޓްބޯޅަ މުބާރާތް، އިނގިރޭސި ލީގް ކަޕް (މިހާރުގެ ނަމުން ނަމަ ކަރަބާއޯ ކަޕް) ސެމީފައިނަލުގެ ދެވަނަ ލެގުގައި 0-2 އިން އާސެނަލް ބަލިކޮށް ލިވަޕޫލް ފައިނަލުން ރޭ ޖާގަ ހޯދައިފިއެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ފެނިގެންދިޔަ ދެލަނޑުވެސް ލިވަޕޫލަށް ކާމިޔާބު ކޮށްދިނީ ޕޯޗުގަލްގެ ފޯވާޑް ޑިއޭގޯ ޖޮޓާއެވެ.
މިދެޓީމުގެ ފުރަތަމަ ލެގުގެ ކުރިމަތިލުން ލިވަޕޫލްގެ އެންފީލްޑުގައި ލަނޑެއް ނުޖެހި އެއްވަރު ވެފައި އޮތުމުން ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި އާސެނަލް ކޮޅަށް ނަތީޖާ އަނބުރާލާނެ ކަމަށް އޮތީ ބެލެވިފައެވެ. އެކަމަކު އަނިޔާ އާއި ކޮވިޑް އަދި މިހާރު ކުރިއަށްދާ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ސަބަބުން މުހިއްމު ކުޅުންތެރިންތަކެއް ނުލައި މެޗަށް ޕްރެކްޓިސް ކުރަން ޖެހުމުން އާސެނަލްގެ ކޯޗް މައިކަލް އާޓެޓާއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިއެވެ.
މިމެޗުގައި އާޓެޓާ ވަނީ މީގެ ދެދުވަސް ކުރިން އެފްރިކާ ކަޕުން ކެޓި ގާނާގެ ގައުމީ ޓީމުގެ މިޑްފީލްޑަރު ތޯމަސް ޕާޓޭ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މިމެޗުގައި ކުޅެން އަރުވާފައެވެ. ވަރުބަލިވެފައި ހުރެ ކުޅުންދިޔަ ޕާޓޭ ދަނޑުން ފައިބަން ޖެހުނީ 90 ވަނަ މިނެޓުގައި ދެއްކި ރަތްކާޑާއެކުއެވެ.
މެޗަށްފަހު އާޓެޓާ ބުނީ މިމެޗުގައި ބައެއް ކުޅުންތެރިންގެ ބޭނުން ހިފީ އެއްވެސް ޕްރެކްޓިހެއް ނެތި ކަމަށާއި ކުޅުންތެރިންގެ ފަރާތުން ފެނު ކޮމިޓްމަންޓާމެދު ފަހްރުވެރިވާކަމަށެވެ.
"އަހަރެމެން އެންމެފަހުން ލީގުގެ ބޮޑު ތިންބާރާ ދެކޮޅަށް ކުޅުނު ތިން މެޗްވެސް ނިންމާލަން ޖެހުނީ އެއްކުޅުންތެރިޔަކު މަދުކޮށް. އެއްކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމަކީ މިފެންވަރުގެ ޓީމުުތަކާ ދެކޮޅަށް ކުޅޭއިރު ވަރަށް ބޮޑު ގޮންޖެހުމެއް. އެކަމަކު ކުޅުންތެރިންނާމެދު އަހަރެން ފަހްރުވެރިވަން އެކުޅުންތެރިންގެ ފަރާތުން މޮޅުވުމަށް ކުރި މަސައްކަތް ފެނިފައި" އާޓެޓާ ބުންޏެވެ.
ލިވަޕޫލްގެ ކޯޗް ޔޯގަން ކްލޮޕް ބުނީ އާސެނަލްއާ ދެކޮޅަށް މިމެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުން އޭނާއަށް ވަރަށް ހާއްސަ ކަމަށެވެ. "ފުރަތަމަ ދިހަ މިނެޓް އަހަރެން އެހާ ގަޔައެއް ނުވޭ. އެކަމަކު އެއަށްފަހު ކުޅުންތެރިންގެ މެޗުގެ ތެރެއަށް ރަނގަޅަށް ހޭނިއްޖެ. ފުރަތަމަ ލަނޑަކީވެސް ވަރަށް މޮޅަށް ޑިއޭގޯ (ޑިއޭގޯ ޖޮޓާ) ނިންމާލި ބޯޅައެއް. ދެވަަނަ ލަނޑުވެސް އެހާ ހިތްގައިމު. ދަނޑުގައި ކުޅިބަލަން ތިބި މީހުނަށް ނުފެނިދާނެ ޑިއޭގޯ ހުސްކޮށް ހުރިތަން. އެކަމަކު އާނޯލްޑް (އެލްގްޒެންޑާ އާނޯލްޑް) އަށް ފެނުނީ ޖޮޓާ ހުސްކޮށް ހުރިތަން. އަހަރެން ބުނާނީ އާސެނަލްގެ ޑިފެންސްލައިނުގެ ފަހަތަށް އާނޯލްޑް ކުޅެލި އެބޯޅައަކީ ދުނިޔޭގެ ފެންވަރުގެ ބޯޅައެކޭ" ހިތްހަމަ ޖެހިފައި ހުރެ ކްލޮޕް ބުންޏެވެ.
ފައިނަލުގައި ލިވަޕޫލް ބައްދަލު ކުރަން ޖެހޭނީ މިމުބާރާތް 8 ފަހަރު ކާމިޔާބުކޮށް، މުބާރާތުގެ އެންމެ ކާމިޔާބު ދެޓީމުގެ ތެެރޭގައި ހިމެނޭ ޗެލްސީއާއެވެ. ލިވަޕޫލް އާއި ޗެލްސީ ބައްދަލު ކުރާ ފައިނަލް މެޗް ކުޅޭނީ އަންނަ ފެބްރުއަރީ މަހު 27 ވަނަ ދުވަހު ވެމްބްލީ ސްޓޭޑިއަމްގައެވެ.