ދުނިޔޭގައި ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއި ގުޅިގެން، ދައުލަތުގެ ތެޔޮ ވިއްކާ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ވިއްކަމުން ދިޔަ ޑީސަލް އާއި ޕެޓްރޯލްގެ އަގު މިއަދުން ފެށިގެން ބޮޑު ކޮށްފިއެވެ.

މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް އެފްއެސްއެމްއިން ގަންނަން ދެން ލިބޭނީ 12.06 ލާރި އަށެވެ. އަދި ޑީސަލް ލީޓަރެއް ގަންނަން ލިބޭނީ 12.44 ލާރި އަށެވެ. އެފްއެސްއެމްއިން މީގެ ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކަމުންދިޔައީ 11.16 ލާރި އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަމުން ދިޔައީ 11.84 ލާރި އަށެވެ.

ދުނިޔޭގެ ބާޒާރުގައި މިއަދު ސާފް ނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 88.94 ޑޮލަރުގައެވެ. މިއީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުން ތެލުގެ އަގު މިހާ މައްޗަށް އުފުލުނު ފުރަތަމަ ފަހަރެވެ. ތެލުގެ އަގު އަދިވެސް މައްޗަށް އުފުލުމުގެ ފުރުސަތު އެބައޮތް ކަމަށް މުހައްލިލުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ދުނިޔޭގެ ބާޒާރުގައި މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ތެލުގެ އަގު މައްޗަށް އުފެލެން ފަށާފައި ވަނީ ރަޝިޔާ އާއި ޔޫކްރައިންގެ މައްސަލަ ގޯސްވުމާއި ގުޅިގެންނެވެ. އަދި ފާއިތުވެދިޔަ ދެތިން ދުވަހުގެ ތެރޭގައި ތެލުގެ އަގަށް ބޮޑު ބަދަލެއް އައިސްފައި މިވަނީ ޔަމަނުގެ ހޫތީން ޑްރޯން ބޭނުންކޮށްގެން ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ތެޔޮ ކާރުޚާނާއަކަށްދިން ޓެރަރިސްޓް ހަމަލާއާ އަށްފަހުއެވެ.