ގދ.ކާޑެއްދޫ އެއާ ޕޯޓުގެ ޖެޓީގެ ބޮޑުބައެއް މިއަދު ވެއްޓުމާއި ގުޅިގެން އެއަތޮޅުގެ ގިނަ ރައްޔިތުންތަކެއް ކަންބޮޑުވުން ފާޅު ކުރަން ފަށައިފިއެވެ.

ގދ.އަތޮޅުގެ އިގްތިސާދު ވަރަށް ބޮޑަށް ބިނާވެފައިވާ ކާޑެއްދޫ އެއަރޕޯޓުގެ ބޮޑުބައެއް މިއަދު ވެއްޓިފައި މިވަނީ ޖެޓީގެ ބޮޑުބައެއް ބައުވެ ހަލާކުވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.

މިހާދިސާއާ ގުޅިގެން ގދ.އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ޤުދްރަތުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާދިސާގައި އެއްވެސް މީހެއްގެ ހަށިގަނޑަށް ގެއްލުމެއް ނުލިބި ސަލާމަތްވުމަކީ ވަރަށް ބޮޑު ނަސީބެއް ކަމަށެވެ. "މިފަދަ ބޮޑެތި ކަންކަން ހައްލު ކުރުމުގައި ރައްޔިތުންނާއިމެދު ފަރުވާ ކުޑަ ނުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ އަރިހުން އެދެން. ބައި އިލެކްޝަނެއް ނެތަސް ކާޑެއްދޫގެ މަސައްކަތް އަވަސްކޮށްދެއްވުން އެދެން" ޤުދްރަތުﷲ ކުރެއްވި ޓްވީޓުގައި ބުނެފައި ވެއެވެ.

ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުންނި ވިލާއިން ހިންގަމުން އަންނަ ކާޑެއްދޫ އެއަޕޯޓުގެ ޖެޓީގެ މައްސަލަ އަވަހަށް ހައްލު ކޮށްދެއްވުމަށް ގދ.އަތޮޅަށް ނިސްބަވްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެއަތޮޅު ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.